ޚަބަރު

އާސަންދައިންގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ ފުރުސަތު މަގުފަހިކޮށްދީފި

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިންގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ ފުރުސަތު މަގުފަހި ކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވައިލަން ރައީސް ޑރ މުހައްމަދު މުއިއްޒު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޮކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އާސަންދައިގެ ތެރޭގައި މެޑިކަލް ޗެކްއަޕް ހިދުމަތެއްގެ ގޮތުގައި ހިމަނައިގެން ހެދޭނެ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެއީ މީގެ ކުރިން އާސަންދައިގަ ހިމެނިފައިނުވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކި އުމުރުފުރާތަކަށް ބަހަލާއިގެން އެކި ކަހަލަ ޕޭކެޖްތަކުގެ ތެރެއިން މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.

“އަދި އޭގެ ތެރޭގައި ޑޮކްޓަރުން އެގޮތަށް ލަފާ ދީފިނަމަ، އެ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދޭނެ، ދެން ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް މިކަން ކުރެވޭނެ ގޮތަށް ރާވައި އަދި އެ ހިދުމަތް ނެތްކަމުގައި ވަނީނަމަ އާސަންދަ ސްކީމުގައި ރަޖިސްޓްރީކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުންވެސް މިކަން ކުރެވޭ ގޮތަށް ހަމަޖެހިގެންދާނެ“  ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މެޑިކަލް ޗެކްއަޕް ވެގެންދާނީ ބަލި ޖެހުމުގެ ކުރީގައި ބަލިން ރައްކާތެރިވުމަށް ސަރުކާރުން ގެންގުޅޭ “ޕްރެވެންޓިވް ހެލްތު ކެއާ“ އަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އާސަންދައިގެ ދަށުން ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑްކޮށް ބަލި މީހާ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލުކުރާ ކަމަށްވާނަމަ ދައްކަން ޖެހޭ ފައިސާގެ ތަފާތު ހަމަޖެއްސުމާއި، އައިވީއެފް ޓްރީޓްމެންޓް ހިމެނޭހެން ދަރިމައިވުމާއި ގުޅޭ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދިނުމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button