ޚަބަރުސިޔާސީ

ހިޔާ ފްލެޓުތަކުން ފިނިޝިންގެ މަސައްކަތަށް ހޭދަވި އަދަދު ކުލިން އުނި ކުރައްވައިފި

ސަރުކާރުގެ ބޯހިޔަވާހިކަމުގެ ސިޔާސަތުތަކުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުން ފިނިޝިންގެ މަސައްކަތަށް ހޭދަވި އަދަދު އަނބުރާ ދެއްވާނެކަމަށް ވި ވައުދާއި އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ލައްކަ ރުފިޔާ ކުލިން އުނި ކުރައްވައިފިއެވެ.

ހިޔާ ފްލެޓުގެ ފިނިޝިންއަށް ފްލެޓު ލިބުނު ފަރާތްތަކުން ކުރި ހަރަދުން ދެ ލައްކަ ރުފިޔާ އުނި ކުރުމުން ކުރިޔަށް އޮތް 7 އަހަރުގެ ކުލި ކުޑަވެގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން 2031 ގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ، 3،900 ރުފިޔާއެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މިހާރު ޑައުން ޕޭމަންޓު ދައްކާ އަދަދު 50 އިންސައްތަ ކުޑަކޮށްދޭނެ ކަމަށެވެ. އަދި އެވްރެޖުކޮށް މަހަކު ދައްކާ އަދަދުން 4،200 ރުފިޔާ އުނިވާގޮތަށް ނިންމާފައިވާކަމަށެވެ.

މިހާރު އޮންނަ ގޮތުން ކުރިއަށް އޮތް 7 އަހަރަށް ދައްކަން ޖެހެނީ 5،300 ރުފިޔާ. އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984.21 ރުފިޔާ. މި އަގަށް ކުޑަވަނީ ކުރިއަށް އޮތް 7 އަހަރު ދުވަހަށް މިހާރު އެގްރީމެންޓަށް އަންނާނެ ބަދަލާއި އެކު.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ހައުސިން ޔުނިޓުގެ ކުލި ވެސް 3،300 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާ ފްލެޓުގެ އަގު ކުޑަކޮށް، އެހެން ފްލެޓުތަކުގެ އަގުތަކަށް ވެސް ބަދަލު ގެނައުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button