އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ އަމާޒުގައި، އަދި ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް، ރައީސް އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރައްވާ އޮފީސް ކަމަށް ވުމާއެކު، ރައީސްގެ އޮފީސް ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށްވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.