2023 ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ޓީމްތަކާއި ރައްޔިތުން ދެއްވި ހިތްވަރު، ސަރުކާރު ދެމެހެއްޓުމުގައި ވެސް ދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒު މިފަދައިން އެދިވަޑައިގަތީ ސޯޝަލް ސެންޓަރުގައި އެމަނިކުފާނުގެ ކެމްޕެއިން ޓީމްތަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އަދި މި ޓީމްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ މިއަދު އޮތް ހާލަތުން ”ދިވެހިންގެ ރާއްޖެ“އަށް ދިޔުމަށްޓަކައި ހުރިހާ ރައްޔިތުން އެކުގައި ކުރެއްވީ ގައުމީ މަސައްކަތެއް ކަމަށެވެ. އެމަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަގުބަލު އުޖާލާ ކުރުމަށް ފުރުސަތު ލިބިފައިވާކަމަށެވެ.