
ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލަރއާއި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ރަނިންމޭޓް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލަރ ވަނީ، ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އިނގިރޭސި ވިލާތުގެ ސަރުކާރާ، ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް މަރުޙަބާ ދަންނަވައިފައެވެ.
ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިނގިރޭސި ވިލާތާ ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.