
އައްޑޫ ސިޓީ އަދި އުތުރުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލެއް ގާއުމުކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީއާއި އެހެނިހެން ޓްރީޓްމަންޓުތައް ލިބޭނެ އިންޓަނޭޝަނަލް ހޮސްޕިޓަލެއް މާލޭގެ އިތުރުން އައްޑޫ ސިޓީގައި ގާއިމްކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވީ މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި އުތުރުގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކެއާ ކުރާ އިންޓަނޭޝަން ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރުމަކީ އޭނާގެ ވެރިކަމެއްގައި ކުރާނެ ކަމެކެވެ.
އެތަނުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީއާއި ޓްރީޓްމަންޓްތައް ދީ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރެއް އައްޑޫގައި ގާއިމުކުރުގެ މަސައްކަތް އެ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެކަން ކޮށްދެއްވާފައި ނުވެއެވެ.