
މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ)އިން ދެވަނަ ބުރުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރަން ނިންމައިފިއެވެ.
އެމްޑީއޭގެ ޤައުމީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ޖުމްލަ ތިން ހުށައެޅުމެއްވާއިރު، އެ ޕާޓީގެ ލީޑަރު އަޙްމަދު ސިޔާމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން އުވާލައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށެވެ. ކައުންސިލުގެ އިތުރު މެންބަރަކު ހުށަހެޅުއްވީ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ތާއީދުކުރި ކުރުން ދަމަހައްޓައި ރައީސް އިބްރާހީމަށް ތާއީދުކުރުމަށެވެ. ތިންވަނައަށް ހުށަހަޅާފައި އޮތީ ރައީސް އިބްރާހީމާއެކު ހެދި ކޯލިޝަން އުވާލައި ޑރ.މުޢިއްޒަށް ތާއީދުކުރަން ހުށަހެޅި ހުށަހެޅުމެވެ.
މި ބައްދަލުވުމުގައި ޖުމްލަ 36 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އޭގެތެރެއިން 34 ބޭފުޅުން ތާއީދުކުރެއްވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ތާއީދުކުރުމަށް ނިންމި ނިންމުން އަނބުރާ ގެނެސް ކޯލިޝަން އުވައިލުމާއެކު، ޑރ.މުޢިއްޒަށް ތާއީދުކޮށް ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހެދުމަށެވެ.
އެމްޑީއޭގެ މި ނިންމުމާއެކު މިހާރު ރައީސް އިބްރާހީމަށް ތާއީދުކޮށް އެމަނިކުފާނުގެ ކޯލިޝަނުގައި އޮތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ލީޑާޝިޕުގެ ދަށުގައި އޮތް އަދާލަތު ޕާޓީ އެކަންޏެވެ.