ޚަބަރު

ސްޓޫޑެންޓް ލޯން ސަރުކާރުން ނުދޭ ކަމުގެ ތުހުމަތުތަކެއް، ގެއްލުން ދަރިވަރުންނަށް!

ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޫކުރި ސްޓޫޑެންޓު ލޯނުގެ ފައިސާ ހަމަނުޖެހި ފުރަތަމަ ސެމިސްޓާ ފެށިގެން ދިޔައިރުވެސް ފައިސާ ނުދެއްކުމުގެ ސަބަބުން ކިޔަވަން ބޭރަށް ދިޔަ ބައެއް ކުދިން އަނބުރާ ރާއްޖެއަށް އަންނަން މަޖުބޫރުވެއްޖެ ކަމަށް ހާމަވެއްޖެއެވެ.

ރާއްޖެއިން ބޭރުން މެޑިސިން ކިޔެވުމަށް ސަރުކާރުން ސްޓޫޑެންޓު ލޯނު ހަމަޖެހި އެއްބަސްވުމުގައި ސޮއިކޮށް ފައިސާ ލިބުން ލަސްވުމުން އަމިއްލައަށް އެޑްމިޝަން ފީ ދެއްކުމަށްފަހު، ވަރަށް އަވަހަށް ލޯނުގެ ފުރަތަމަ ޕޭމެންޓު ޖަމާކުރާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް ބޭރަށް ކިޔަވަން ފުރި ކުއްޖެއްގެ ބެލެނިވެރިއެއް ވަނީ މީޑިޔާތަކަށް ފުރަތަމަ ސެމިސްޓާ ފެށިގެން މަހެއްހައި ދުވަސް ފާއިތުވިއިރުވެސް ސަރުކާރުން ޖަމާކުރަން ބުނި ފައިސާ އަދިވެސް ނުލިބޭ ކަމަށް މައުލޫމާތު ދީފައެވެ.

އެޑްމިޝަން ފީ ދެއްކި ނަމަވެސް ސެމިސްޓާއަށް ދައްކަންޖެހޭ ޓިއުޝަން ފީ ނުދައްކާނަމަ ކިލާސްތަކަށް ހާޒިރުވެ ކިޔެވުމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ކަމަށާއި، ސެމިސްޓާ ފީ ދެއްކުމަށް ކަނޑައެޅިފައިވާ ތާރީޚު މިހާރު ފަހަނައަޅާފައިވާ ކަމަށްވެސް ބެލެނިވެރިޔާ ވަނީ ބުނެފައެވެ.
މިހާރު ދެން މި ސެމިސްޓާގެ ފީއެއް ނުދެއްކޭނެ. އެހެންވީމާ މި ސެމިސްޓާގައި ކިޔެވުމުގައި ބައިވެރިނުވެވޭ. ކުލާހަށް ދިޔަޔަސް ހާޒިރީގައި ނުހިމަނާ. އެހެންވީމާ ދަރިފުޅު އަނބުރާ ގެންނަން މިޖެހުނީ. ކިހާ ބޮޑު ގެއްލުމެއް މިއީ؟،“ އޭނާ ބުންޏެވެ.

ސްޓޫޑެންޓު ލޯނު ހޯދަން ކުރިމަތިލި ހުރިހާ ކުދިންނަށް ލޯނު ދޭން ނިންމައި ސަރުކާރުން އިއުލާނުކުރީ ރިޔާސީ އިންތިޚާބު ކައިރިވެފައިވުމާއެކު އެކުދިންނާއި ބެލެނިވެރިންގެ ވޯޓު ހޯދުމުގެ ނިޔަތުގައި ކަމަށް ގިނަފަރާތްތަކުން ތުހުމަތު ކުރެއެވެ.

ނަމަވެސް ވަރަށް ގިނަ ކުދިންނަށް ފައިސާ ނުލިބޭ މައްސަލަވަނީ ފެންމަތިވެގެންގޮސްފައެވެ.
ނަމަވެސް މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކިފަހަރު ދައްކަނީ ތަފާތު ވާހަކަތަކެވެ.
އެންމެ ފުރަތަމަ މިނިސްޓްރީން ބުނެފައިވަނީ ފައިސާ ނުލިބޭ ކުދިންނަށް ފައިސާ ނުލިބެނީ ހުށަހެޅި ލިޔުންތަކުގައި މައްސަލަތަކެއް ހުރުމުން ކަމަށާއި އެހެނިހެން މައްސަލަތަކެއް ހުރެގެންކަމަށެވެ. ނަމަވެސް ފަހުން އެ ވުޒާރާއިން ބުނީ ގިނަ އަދަދެއްގެ ކުދިންނަށް ލޯނު ހަމަޖެހިފައިވާތީ ފައިސާ ޑިސްޕާސްކުރުމުގައި ލަސްވަނީ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button