ޚަބަރު

ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯދުމަށް މަޝްވަރާ ކުރިން: ރައީސް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަޝީދު ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު، އެ އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ ބޭފުޅުން މަޝްވަރާކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެއްވީ ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގޮތުން ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދުގައި ކަމަށެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެވަނަ ބުރުގައި އެމަނިކުފާނަށް ތާއީދު ދިނުމާ ބެހޭ ގޮތުން ނަޝީދާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަކު، އޭގެ ތަފްސީލްތައް އަދި ހާމަކުރައްވަން ރައީސް ވަނީ ދެކޮޅު ހައްދަވައިފައެވެ.
”އެކަމާ (ދެވަނަ ބުރާ) ބެހޭ ގޮތުން ވާހަކަ ދެއްކިން، އޭގެ ތަފްސީލްތައް ފަހުން ހާމަ ކުރާނަން،“ ރައީސް ވިދާޅުވިއެވެ.

މިއީ މެއި 6، 2021 ގައި ނަޝީދަށް ދިން ބޮމުގެ ހަމަލާ އަށް ފަހުގައި، ރައީސް ސޯލިހާއި ނަޝީދުގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ހިނގާ ފުރަތަމަ ފަހަރެވެ. ނަމަވެސް، މީގެކުރިން މި ދެ ބޭފުޅުން ފޯނުން އެކި ކަންކަމުގައި މަޝްވަރާ ކުރައްވާފައިވެއެވެ. އެންމެ ފަހުން، ފޯނުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ބެހޭ ގޮތުން ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމާ ގުޅޭ ގޮތުންނެވެ.

ހޮނިހިރު ދުވަހު ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button