ޚަބަރުސިޔާސީ

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ބޭފުޅުން މަގާމުން ވަކި ކުރާނަން – މުއިއްޒު

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ، ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއަށްވުރެ އިންސާފުވެރި އަދަލުވެރި ވެރި ކަަމެއް މި ގައުމުގައި ކުރެވެން ޖެހޭނެ ކަމަށާއި، އެ ޔަގީންކަން އޭނާ ދެއްވާ ކަމަށެވެ. މިގޮތުން އޭނާގެ ސަރުކާރެއްގައި ޝަރުއީ، ޖުޑިޝަރީ ވާނީ ހަގީގީ މާނައިގައި މިނިވަން ދާއިރާއަކަށް ކަަމަށާއި ޝަރީއަތުގެ ތެރެއަށް ދައުލަތުގެ، ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
”އެކަހަލަ ކަމެއް ކުރާ އެއްވެސް މީހަކު، އެެއްވެސް މަގާމެއް ހުރެއްޖެއްޔާމުން، އެ މީހަކު އަޅުގަނޑަށް ފެންނަ ހިސާބުން ވަކި ކުރާނަން.“،މުއިއްޒު ވިދާޅުވިއެވެ

އޭގެއިތުރުން ވެސް މުއިއްޒު ވިދާޅުވީ މި ގައުމަށް ހަމަޖެހުން ގެންނަން މި ދައްކަނީ ހަމަހުރެފައި ދައްކާ ވާހަކަތަކެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ހިތުގެ އަޑިން ގަބޫލުކޮށް، އެކަން އަމަލުން ދައްކަން ދައްކަވާ ވާހަކަތަކެއް ކަަމަށް މުއިއްޒު ވިދާޅުވިއެވެ.
”އަމަލީ ގޮތުން މިނިވަން ޖުޑިޝިއަރީއެއް މި ގައުމަށް އިރާދަކުރެވިއްޔާ ގާއިމްކޮށްދޭނަން،
އެއިރުން ރައީސް ޔާމީނަށްވެސް މިނިވަންކަން ލިބިގެން ދާނެ،، ރައީސް ނަޝީދަށް ކުރިމަތިވި އުދުވާނީ ހަމަލާގައި މިހާތަނަށް ނުބެލި އޮތް މައްސަލަ ބެލި، އެމަނިކުފާނަށްވެސް އިންސާފު ލިބޭނެ. އޭރުން ކުޑަ މީހެއް ބޮޑު މީހެއް ބެލުމެއް ނެތި މަގާމުގެ ތަފާތު ކަމެއް ބެލުމެއް ނެތި އިންސާފުން ހަމަހަމަ ކަމާއި އެކީގައި އެ ޖުޑިޝަރީ ތެރެއިން ފޯރުވާދިނުމުގައި ޖުޑިޝިއަރީގައި ތިއްބެވި ފަނޑިޔާރުންނަށް ފުރިހަމަ މިނިވަންކަން ލިބިގެން ދާނެ.“.މުއިއްޒު ފާހަގަކުރެއްވިއެވެ.

އަދި މިނިވަން މުވައްސަސާތަކަކީ ގާނޫނު އަސާސީގައި އާއި ގާނޫނުތަކުގައި ހަމައެކަނި މިނިވަން ޖަހާފައި އޮންނަ މުވައްސަސާތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެ މުވައްސަސާތަކަކީ ހަގީގީ މާނައިގައި މިނިވަން ތަންތަނަށް ހައްދަވާ ދެއްވާނެ ކަަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

”އެތަންތަނުގައި ތިބޭނީ ތައުލީމާއި ތަޖުރިބާގެ ގޮތުން، އަމަލީ ގޮތުން ގާބިލް ކަމާއެކު ހިދުމަތް ދެވޭނެ ބޭފުޅުން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި.“.

އެހެންކަމުން މިފަދަ މުވައްސަސާތަކަށް އައްޔަން ކުރެވިގެން ދާނީ ހަމައެކަނި ސިޔާސީ ބޭފުޅުންްނަށް ނުވާނެ ކަމަށާއި، އެ ބޭފުޅުންގެ ގާބިލްކަން ޔަގީން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button