ޚަބަރުސިޔާސީ

އިންޑިއާއާއެކު ވެވުނު އެއްބަސްވުން ގޯސް: ގާސިމް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ސަން އައިލެންޑަށް ވަޑައިގެން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ ތާއީދު ހޯއްދެވުމަށް ޤާސިމް އިބްރާހީމްއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމް ގާސިމްއަށް ދެއްކެވި ލިޔުންތަކުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހުރީ ރަނގަޅަށް ނޫންކަން އެނގިވަޑައިގެންނެވިކަމަށް ޤާސިމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް ސަން އައިލެންޑް ރިސޯޓުގައި ޤާސިމް އަރިހުގައި ތިން ދުވަސް ހޭދަކުރެއްވިއެވެ.  މި ދަތުރުގައި އެމަނިކުފާނުވަނީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް އަރިހުގައި ގެންދަވައި، ޤާސިމަށް ދައްކަވާފައެވެ. ބޮޑެތި ހުށަހެޅުންތަކާއެކު ޤާސިމް އަރިހަށް ރައީސް އިބްރާހީމާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަޑައިގެންނެވި ނަމަވެސް ޤާސިމް  ނިންމެވީ ރައީސް އިބްރާހީމަށް ތާއީދު ނުކުރެއްވުމަށެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލު ބައްދަލުވުމެއް ބޭއްވުމަށްފަހު، ޤާސިމް އިއުލާނުކުރެއްވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށެވެ. އެފަދައިން ނިންމެވި މައިގަނޑު ސަބަބެއްކަމަށް ޤާސިމް ވިދާޅުވީ އަތްޕުޅުގައި ހުރި ލިޔުންތަކަށް ބައްލަވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީން ދެއްކި ވާހަކަތަކަކީ ސައްހަ ރަނގަޅު ވާހަކަތަކެއްކަން ސާބިތުވުމެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ކަމެއް ކަމުގައި ފާހަގަކުރައްވައި ދެއްކެވި ވާހަކަފުޅެެވެ. އަދި އިންޑިއާއާއެކު ހަދާފައިވާ ގޮތް ނޭނގޭ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިސްތިޤުލާލަށް އުނިކަން ލިބި މިނިވަންކަން ބީވެގެން ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޤާސިމް ވިދާޅުވީ ބޭރު ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ތިބެވެނީ އަދި ތިބީ ސަރުކާރުން އެކަމަށް ހުއްދަދިނުމުންނެވެ. ރައީސް ދެއްކެވި ލިޔުންތަކުގައި ވަނީ ކީކޭތޯ ސުވާލުކުރުމުން ”އެ ޑޮކިއުމެންޓު ބަލާފައި އެއީ ރަނގަޅަށް ހުރި ކަންތައްތަކެއްކަން ޔަގީންކުރެވުނުނަމަ އަޅުގަނޑު މިގޮތަށް ނިންމާކަށް ނުޖެހޭނެ. އަޅުގަނޑު ހުންނާނީ އެ ބޭފުޅާއާއެކީ (ރައީސް އިބްރާހީމްއާއެކީ) ދެއްތޯ؟“ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ޤާސިމް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ގޮތަށް ނިންމެވުމާއެކު ޖޭޕީގެ ގިނަ މެންބަރުން އިދިކޮޅު ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވާނެކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button