
ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކަށް ނަގާފައިވާ ދަރަނިތައް ރީފައިނޭންސް ކުރެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހއައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ.ކުރިނބީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އިޤްތިސާދު ކޮޅަށް ޖަހައި ލޯނުތައް އަދާ ކުރެވޭނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ކަންބޮޑުވުމެއް ނެތް ކަމަށެވެ.
ރައީސް އިބްރާހީމްގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ޑރ.މުއިއްޒު ވިދާޅުވީ ރަށްރަށުގައި ކުރަން ހުރި ކަންކަމަކީ ދައުލަތުގެ އާމްދަނީން ވެސް ކުރެވޭނެ ކަންކަން ކަމަށާއި އެކަންކަން މިއަދުގެ ސަރުކާރަށް ނުވަނީ ’މިސް މެނޭޖު‘ ކުރާތީކަމަށެވެ.
”ކަންކަން ކުރެވޭ ވަރަށް ހަމަ ހަގީގަތުގައި ވެސް ދައުލަތަށް އެބަ ވަދޭ ފައިސާ. އެހެންނަމަވެސް މިސް މެނޭޖް ކުރަނީ މި ސަރުކާރުން. މާނައަކީ ކުރަން ނުޖެހޭ ހަރަދު ކުރަނީ، އިސްކަން ދޭން ޖެހޭ ކަންކަމަށް އިސްކަން ނުދެނީ. ފައިސާ ޗާޕް ވެސް ކުރަނީ. މުސާރަ ދޭން ލޯނު ވެސް ނަގަނީ. އިގުތިސޯދީ އަސާސްތައް މި ވަނީ އެފުށްމިފުށަށް ޖެހިފައި. އެހެންވެ ކަންކަން މި ރަށްރަށުގައި ނުވަނީ،“ މުއިއްޒު ވިދާޅުވިއެވެ.