
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ހދ.ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނައަށް ބޮޑު ކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައި ވާނެކަމަށާއި އެކަން ކުރައްވާނީ ފަސް އަހަރުގެ ދައުރަށް ބަހާލައިގެން ކަމަށެވެ.
ރާއްޖޭގައި ހުރި އެންމެ ފަޚުރުވެރި ދެ މުއައްސަސާއަކީ ފުލުހުންނާއި ސިފައިން ކަމަށާއި، އެ ދެ މުއައްސަސާ ވާންވާނީ އެއްވެސް ނުފޫޒެއް ނެތި އަބުރުވެރިކަމާއި، މިނިވަންކަމާއެކު އެހެން ބައެއްގެ މައްޗަށް ބަރޯސާނުވެ ޚިދުމަތްކުރެވެންޖެހޭ ތަންތަނަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވިގޮތުގައި 2024 ގައި ބޮޑުކުރާނީ މުސާރައިގެ 35 އިންސައްތައެވެ. އަދި 2026 ގައި 35 އިންސައްތަ ބޮޑުކޮށް 2028 ވަނަ އަހަރު ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރާނެ ކަމަށް ވިދާޅުވެ ޑރ. މުއިއްޒު ވަނީ މުސާރައިގެ ކަންކަން ރާއްވަވާފައިވާގޮތް ސާފުކޮށްދެއްވާފައެވެ.
ޑރ. މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު 100 އިންސައްތަ މުސާރަ ޑަބަލްވެގެންދާނެ ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުސާރައިގެ އިތުރުން އެހެން މުއައްސަސާތަކުގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.