
ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެންޑޯޒުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް އިއްޔެ ވަޑައިގެން އެ ސިޓީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
އެގޮތުން އެސިޓީގެ ހިތަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އެންމެ މުހިއްމީ ގެދޮރުވެރިކަމާއި، އެކަށީގެންވާ އަދަދަކަށް އައްޑޫގައި ވަޒީފާ އުފެއްދުމަށް އައްސޭރި ފަތުރުވެރިކަމުގެ މަފުހޫމު ތައާރަފުކުރުން ކަމުގައެވެ. އައްސޭރި ޓުއަރިޒަމްގެ ކޮންސެޕްޓު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށާއި، އެ މަޝްރޫއުތައް ހިންގަވާނީ ސަރުކާރުގެ ބައިވެރިވުމާއި ހިއްސާ އޮންނަ ގޮތަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އެ މަޝްރޫއު ނިމޭއިރު އައްޑޫގައި 6،000 ފަތުރުވެރިކަމުގެ އެނދުތައް ގާއިމުވާނެ، އެއާއެކު 10،000 އެއްހާ ވަޒީފާ އުފެދިގެން އަންނާނެ. ރައީސް ޔާމީނުގެ ވެރިކަމުގައި އައްޑޫގައި ސީޕްލޭން ހަބެއް ގާއިމުކުރުމަށް އައްޑޫ ފަޅު ފުންކުރަން ފެށިނަމަވެސް މި ސަރުކާރުގައި އެކަމެއް ނުހިނގ. އައްސޭރި މަޝްރޫއާއެކު ތަބީއީ ގޮތުން ސީހަބެއް އައްޑޫއަށް އަންނާނެ.“ މުއިއްޒު ވިދާޅުވިއެވެ.
އެ މަޝްރޫޢުގެ ސަބަބުން ފުވައްމުލަކު ސިޓީއާއި، ގއ، ގދ އަށް ފައިދާވާނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީންގެ ވައުދެއް ކަމުގައިވާ އައްޑޫގައި ހިންގަވަން ނިންމަވާފައިވާ އަނެއް މަޝްރޫއަކީ ހުޅުދޫ-މީދޫއާއި ފޭދޫ ބުރިޖަކުން ގުޅުވައިލުމެވެ.
ޑމުއިއްޒު ވިދާޅުވީ އިންޓަނެޓް ވިޔަފާރި ކުރާ ފަރާތްތަކަށް އެވިޔަފާރި ފުޅާކުރެވޭނެ މަގު ގާނޫނީ ގޮތުން ހޯދަންޖެހޭ ހައްލު ހޯދުމާއި، އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންކުރެވޭ ގޮތް ހެދުމާއި، ސެލަރ އެކައުންޓްތައް ކްރިއޭޓް ކުރެވޭގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައެވެ.
”ކިތައްމެ ތަރައްގީއަކާއި އިންފްރާސްޓްރަކްޗަރއެއް ގެނަޔަސް ރައްޔިތުންނަށް ސީދާ ފައިސާ ނުލިބޭނަމަ އޭގެ ބޭނުމެއް ނެތް. މިފަދަ ލުއި ފަސޭހަތަކެއް ގާއިމުކޮށްގެން ނޫނީ ރައްޔިތުންނަށް އެކަމުގެ ހަގީގީ ފައިދާ ނުކުރާނެ.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކަނބަލުންނަށް ކުންފުނި އުފައްދައިގެން ވިޔަފާރި ކުރުމަށް ފަސޭހަ ކުރުމަށް ވަކި ހާއްސަ 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ތައާރަފް ކޮށްދެއްވާނެ ކަމުގައެވެ.
އަންހެނުންނަށް ގޭގައި ތިބެގެން އުފައްދާ އުފެއްދުންތަކަށް ވިއްކޭނެ މާކެޓެއް ގާއިމުކޮށްދެއްވާނެ ކަމަށާއި، އެތަންތަން އޮޕަރޭޓް ކުރާނީ އަންހެނުން ކަމަށާއި، އެތަންތަނުގައި ބިދޭސީން މަސައްކަތް ކުރުމުގެ ފުރުސަތު ނުދެވާނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
”ވަޒީފާއަށްދާ ކަނބަލުންގެ ދަރިން ބަލަން ހަވާލުކުރާ ޑޭކެއަރ ސެންތަރުތަކަކީ ރަނގަޅު ފެންވަރުގެ ތަން ތަނަށް ހެދުމަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ދީގެން މޮނިޓާ ކުރެވިގެންދާނެ. އެފަދަ އެހެން ތަންތަން ހެދުމަށް މަގުފަހިކޮށްދޭނަން. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑޮމެސްޓިކް ވައިލެންސް ހާއްސަ ގައުމީ މަރުކަޒެއް ގާއިމްކޮށްދެއްވާނެ ކަމުގައެވެ.