ސްޓެލްކޯގެ ޑިޕާޓްމެންޓުތަކުގެ ވެރިންގެ މެދުގައި ހެދިފައިވާ ވައިބާ ގްރޫޕުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕެއިންކޮށް ސަނާކިޔަމުންދާ ދަނޑިވަޅެއްގައި އެކުންފުނީގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ މަސައްކަތްތައް ކުރިޔަށް ގެންދާކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ،ސްޓެލްކޯ ތެރޭގައި އީސީގެ ބޮޑު ގޮތްޕެއް ހަދައިގެން އުޅޭ ކަމުގައެވެ. އޭގެ ތެރޭގައި އީސީގެ ޑާޓާބޭސް އާއި ކުޅުމާއި، ރީ ރަޖިސްޓަރ ވެފަ ތިބި ބައެއް މީހުން އެކި ދިމާލަށް ބަދަލުކުރުން ހިމެނޭކަން މުއާޒު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން އެދެން ރީ ރަޖިސްޓްރީގެ ކަންކަން ވަރަށް ގާތުން ބަލަން. ކޮންތަނަކަށްތޯ ވޯޓު ލާން ރަޖިސްޓްރީވެފަ އޮތީ. އަމިއްލައަށްވެސް ބައްލަވަންވާނެ.“ މުއާޒު ވިދާޅުވިއެވެ.
މުއާޒު މިފަދައިން ވިދާޅުވިއިރު، އީސީއަށް ބާރު ނުފޯރުވޭ އެހެން އީސީއެއް ހިންގުން މިހާރުން މިހާރަށް ހުއްޓާލުމަށް އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ. އަދި އިންތިހާބާ ދިމާކޮށް ފެނަކައިން ގިނަ އަދަދަކަށް ވަޒީފާ ދޭ މައްސަލައިގައިވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ސްޓެލްކޯގެ އެޗްއޯޑީންނާއި ޔުނިޓުތަކުގެ ވެރިންގެ މެދުގައި ރަސްމީ މުއާމަލާތް ކުރުމަށް ހެދިފައިވާ ވައިބާ ގްރޫޕުގައިވެސް ދަނީ ފާޅުގައި ރައީސް ސޯލިހަށް ކެމްޕެއިންކޮށް، ވޯޓަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން މިދުވަސްވަރު މުވައްޒަފުން އެކިތަންތަނަށް ބަދަލުކުރުމާއި، މަސައްކަތްތަކާ ގުޅޭ އައު ސާކިއުލާތައްވެސް ދަނީ ސްޓެލްކޯއިން ނެރެމުންނެވެ.