ޚަބަރުސިޔާސީ

ބޭރުގެ ކުލީ ސިފައިންނަށް ނުތިބެވޭނެ، ދާހިލީ ކަންކަމަށް ބަސް ބުނާނީ ދިވެހިން: ޑރ.މުއިއްޒު

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ އިންޑިއާ ސިފައިން ބާލައި، ދާހިލީ ކަންކަމުގައި ދިވެހިންގެ ބަސް އިސްކުރައްވާނެ ކަމުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެންޑޯޒްކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒުގެ މެނިފެސްޓޯ ނެރުމަށް ރޭ ހުޅުމާލޭ ފޭސް 2 ގައި ގިނަ އަދަދެއްގެ އާންމުންނާއެކު ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވިގޮތުގައި ދިވެހީންގެރާއްޖެ އެއް ހޯދަން ޖެހެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭރު ގައުމެއް ބުނާގޮތަށް ނޫނީ ގައުމުގެ ކަންކަން ބައްޓަން ކުރަމުންދާތީ ކަމުގައެވެ. ކަން އެހެން އޮތަސް އެމަނިކުފާނުގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ ހުރިހާ ގައުމަކާވެސް ރަހުމަތްތެރި، ހަމަހަމަ ގުޅުމެއްގެ މައްޗަށްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި، ސިޔާދަތީ ބާރު ފަހަނައަޅައިދާން ފުރުސަތު ނުދެއްވާނެ ކަމުގައެވެ.

”އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓެން ޖެހޭނެ. އެގޮތަށް ކަން ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކީ އެންމެ ގާތް މީހުންގެ ގޮތުގައި ވެގެންދާނެ. ކުޑަ ގައުމެއް ބޮޑު ގައުމެއް ކައިރި ދުރުގައުމެއް ވެގެން މިދެންނެވި އިން ފަހަނައަޅައި ނުދަންޏާ، އަޅުގަނޑުމެން ބަލާނީ އެއީ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއްގެ ގޮތުގަ. ވަކި ގައުމެއްގެ ކޮޅަށް ގޮސް ހުހެއް ނުވާނެ. ވަކި ގައުމަކާ ދުރެއްވެސް ނުވާނެ.“ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ހާމަކުރެއްވިގޮތުގައި މިގައުމުގައި އެހެން ބައެއްގެ ސިފައިން ތިބެގެން އެގައުމެއްގެ ބާރު ހިންގިޔަދީގެން ނުވާނެއެވެ. ހާއްސަކޮށް ދާހިލީ ކަންކަމުގެ ތެރެއަށް އެއްވެސް ގައުމަކަށް ނުވަދެވޭނެ ކަމަށާއި، ރާއްޖެއަކީވެސް އ.ދ ގެ މުއާހަދާތަކުގައި ސޮއިކޮށްފައިވާ މިނިވަން މުސްތަގިއްލު ގައުމެއްކަމާއި، ދިވެހިންގެ އަމިއްލަވަންތަކަމާއި، މިނިވަންކަން ހިމާޔަތްކޮށް، ދިވެހިންގެ ބަސް، ދިވެހިން ބޭނުންވާ ތަންތަނުގައި އިއްވެން ޖެހޭނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން ޑރ.މުއިއްޒު އާއިއެކު

މުއިއްޒު ވިދާޅުވިގޮތުގައި އެކަން ކުރެވޭނީ ދިވެހިންނަށް ވަފާތެރި، ގައުމު އިސްކުރާ ޕީޕީއެމް ޕީއެންސީއަށް އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކާމިޔާބު ކުރެވިގެންނެވެ.

”އިތުބާރު ކުރައްވާ. އެ ފުރުސަތު ދެއްވައިފިއްޔާ، މިއަދު އެބަޖެހޭ ގައުމީ ފިކުރުގަ މަސައްކަތް ކުރަން. އަޅުގަނޑުމެންގެ މުސްތަގުބަލު ސަލާމަތްކުރަން ބޭނުމިއްޔާ އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ. އިންތިހާބު ގާތްވި ގާތްވިހެން އަންނާނެ ފައިސާ ބޮނޑި ބޮނޑި ހިފައިގެން. އަޅުގަނޑުމެންގެ މިނިވަންކަން އެ ފައިސާ ބޮނޑިއަށް ވިއްކާލާނީތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެން ނިންމަން ޖެހޭނެ. އަޅުގަނޑުމެންގެ އަމިއްލަ އަތުގަ އޮތީ މުސްތަގުބަލުގެ ނިންމުން،“ މުއިއްޒު ވިދާޅުވިއެވެ.

 

މުއިއްޒު ވަނީ ވަގުތީ ފައިދާއަށްޓަކައި ދަރިންގެ މުސްތަގުބަލު ގުރުބާން ނުކުރުމަށް އިލްތިމާސްކުރައްވައި، އުތީމު މަހާރަދުންގެ ޖިހާދާއި، ޑޮން ބަންޑާރައިން ކުރެއްވި ޖިހާދާއި، ޝަހީދު ހުސައިން އާދަމް ގައުމަށްޓަކައި ކުރެއްވި ޖިހާދާއި އެނޫންވެސް އަބުތާލުންގެ ޖިހާދުން އިބްރަތް ހާސިލްކޮށް، ދިވެހި ބަހާއި، އިސްލާމް ދީން ހިމާޔަތް ކުރެވިފައި އޮންނަ ވެރިކަމެއް ގެނައުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button