ޚަބަރުސިޔާސީ

މެނިފެސްޓޯގައި ޖުމްލަ 19 ބާބު، ލެޑް ސްކްރީން މެދުވެރިކޮށް މުއިއްޒު ދެއްވީ ބާބު 4 ގެ ތަފްސީލް!

އިދިކޮޅު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންޑޯޒު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ މިރޭ ހުޅުމާލެ ފޭސް2 ގައި ލޯންޗުކޮށްފައިވާއިރު، އެ މެނިފެސްޓޯގެ4 ވަނަ ބާބު ކަމުގައިވާ ގެދޮރުވެރިކަމުގެ ވައުދުގެ ދަށުން ކުރައްވާނެ ކަންކަން ވަރަށް ތަފްސީލްގޮތެއްގައި ޕްރެޒެންޓޭޝަނަކާއެކު އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

މުއިއްޒުގެ ގެދޮރުވެރިކަމުގެ މުޅި ޕްލޭނާއި ކުރައްވާނެ ކަންކަމުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓު ލިބި، މި ސަރުކާރުން އެތަންތަން އަތުލި ފަރާތްތަކަށް ހާއްސަ ސޯޝަލް ހައުސިންގ ސްކީމެއް ހިންގުމާއި، މި ސަރުކާރުގެ ބިންވެރިޔާގެ މަޝްރޫއުގެ ދަށުން ނުހިއްކައި، ގިރާވަރާއި ގުޅިފަޅުން ދިން ގޯތިތައް ފެނުން މައްޗަށް ނަންގަވައިދެއްވާނެ ކަމެވެ. އަދި ބޯހިޔާވަހިކަމަކީ ތަދު އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ގެދޮރުވެރިކަމަށް އޮންނަ ފުރުސަތުތައް އިންތިހާއަށް ފުޅާކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޖުމްލަ 20 އަހަރަށް އަމާޒުކޮށްގެން ގެންސާ ތަރައްގީގެ ޕްލޭންގެ ތެރެއިން މާލެ ސަރަހައްދަށް އެކަނި، ގޯއްޗާ ފްލެޓް ހިމެނޭގޮތަށް 65،000 ހައުސިންގ ޔުނިޓް ގާއިމްކުރެވޭނެކަން ފާހަގުރައްވައި މުއިއްޒު ވިދާޅުވީ، އެއީ ގުޅިފަޅާއި، ގިރާވަރު ފަޅާއި، ފުށިދިއްގަރު ފަޅުގައި ފުރާ ފުރިހަމަކުރާނެ އަދަދެވެ. އެ އަދަދު ފުރިހަމަކުރާނީ މާލެ ރީވެލޮޕްކޮށްގެންނާއި ހުޅުމާލޭގައި ހުރި ހުސްބިންތައްވެސް ޔޫޓިލައިޒްކޮށްގެނެވެ.

”އޭރުން ކިހިނެއްތޯ ވަނީ؟ މާލޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ގެދޮރު ޔަގީންވެގެން ދަނީ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރު ޔަގީންވެގެން ދަނީ. އަދި މާލެ، މި ސަރަހައްދަށް އަންނަން ބޭނުންވާ ހުރިހާ ރައްޔިތުންނަށްވެސް ގެދޮރު ލިބިގެންދަނީ. އެހެންވީމާ އެކަން އަޅުގަނޑުމެން ހާސިލްކޮށްދޭނަން.“ މުއިއްޒު ވިދާޅުވިއެވެ.

މި ހަފްލާގައި މުއިއްޒުވަނީ ލެޑު ސްކްރީންގައި އަޅުވާފައިހުރި ފުށިދިއްގަރުފަޅުގެ ތަފްސީލީ ކުރެހުމުގައިވާ ވަސީލަތްތަކާއި، ކެޕޭސިޓީ އާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ފުށިދިއްގަރު ފަޅުން 12،80 ހެކްޓަރު ހިއްކާނެ ކަމަށާއި އެއީ ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 އެއްކޮލުމުން އޭގެ ތިން ގުނަ ބޮޑު ސަރަހައްދެއްގައި ރައްޔިތުން އާބާދު ކުރާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެއީ 11،970 ގޯއްޗާއ ތިން ކޮޓަރިިއާއި ހަތަރު ކޮޓަރިއާއި ދެމެދުގެ 26،500 ހައުސިންގ ޔުނިޓެވެ.

ގިރާވަރާއި ގުޅިފަޅުގެ ޕްލޭން ހާމަކުރައްވަމުން މުއިއްޒު ވިދާޅުވީ ގިރާވަރު ފަޅުން 89 ހެކްޓަރު ލިބެން އެބައޮތް ކަމަށާއި، 1400 އާއި 1650 އަކަ ފޫޓުގެ 1050 ގޯތި އަދި ތިން ކޮޓަރި، ހަތަރު ކޮޓަރީގެ 2،800 ހައުސިން ޔުނިޓް ލިބޭނެ ކަމުގައެވެ. އަދި 20 މީޓަރުގެ ފުން ސަރައްހައްދު ހިމެނޭހެން ގުޅިފަޅުން 304 ހެކްޓަރުގެ ބިން ހިއްކައި، ފޭސް 2 އަށް ވުރެ ބޮޑު އެ ތަނުގައި 3،500 ގޯއްޗާއި 8،700 ހައުސިންގ ޔުނިޓް ހެދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ދެން އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭގޮތަށް އިންޓަގްރޭޓެޑް ޑިވަލޮޕްމެންޓް ޕްރޮޖެކްޓެއް ކުރިޔަށް ގެންދަން ގަސްތުކުރަން. އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭގޮތަށް އެކަން ކުރުން ހިމެނޭ.“ މުއިއްޒު ވިދާޅުވިއެވެ.

މެދުރާއްޖެތެރޭ 7 ސަރަހައްދެއް ތަރައްގީ ކުރައްވާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެހުރިހާ މަސައްކަތެއްވެސް ކުރިޔަށް ގެންދަވާނީ ބޭރުގެ އިންވެސްޓަރުންނާއެކު ކަމުގައެވެ. އެގޮތުން އެކަމަށް ފަންޑު ހޯދާނެ ތިން ގޮތެއް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

”އިންވެސްޓަރ ފައިނޭންސް. ކޮންޓްރެކްޓަރ ފައިނޭންސް. ކޮންޓްރެކްޓަރުން ގެންނަ ފައިސާ. އެ ފައިސާ އަނބުރާ ސަރުކާރުން ދައްކަންޖެހޭނެ. ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ކްރޮސް ސަބްސިޑައިޒްކޮށްގެން ލިބޭ އާމްދަނީއިން ސޯޝަލް ހައުސިންގ އަށް ހަރަދު ކުރުން. މި ތިން މައިގަނޑު އުސޫލު ބޭނުންކޮށްގެން އަޅުގަނޑުމެން ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރާނީ.“ މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ސަރަހަދެއްގައިވެސް ހިއްކާފައި ހުރި ބިންތަކާއި، އެކި ރަށްރަށުގެ ބިންތައް ހިއްކުމާއި، ގޯއްޗާއި، ރޯ ހައުސް ނުވަތަ ގޯތި ބޭނުންވާ ފަރާތްތަކަށް، އެފަރާތްތައް ބޭނުންވާގޮތަށް ޕްލޭންކޮށްގެން ގެދޮރުވެރިކަން ހާސިލްކުރުމަކީ އެ މާސްޓާ ޕްލޭންގެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވިއެވެ.

އެއީ މައިގަނޑު ޕްލޭން ކަމުގައި ވިޔަސް ގެދޮރުވެރިކަމުގެ ތެރެއިން ހާއްސަކުރާ ވަކި ގެޓެގަރީތަކެއް ހުންނާނެކަން މުއިއްޒު ހާމަކުރެއްވިއެވެ. އެއީ ސޯޝަލް ހައުސިންގ ސްކީމްގައި ހިމެނޭ އެކަނިވެރި މައިންނާއި، އެކަނިވެރި ބަފައިންގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 20،000 ރައްޔިތުންނަށް އަމާޒުކޮށްގެން ހަދާ ޔުނިޓްތަކެވެ.

”ދަފްތަރަށްވެސް ހާއްސަ ކެޓެގަރީއެއް އޮންނާނެ. އެންމެނަށް ވާވަރަށް ގެދޮރު ލިބޭނެ.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މެނިފެސްޓޯގައި ޖުމްލަ 19 ބާބު ހިމެނޭއިރު އެމަނިކުފާނު ވަނީ4 ވަނަ ބާބު ކަމުގައިވާ ގެދޮރުވެރިކަމުގެ ބާބުގެ އިތުރު ތަފްސީލްވެސް ދެއްވާފައެވެ. އެއީ؛

 1. ގޯއްޗަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދިނުން.
 2. ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުން.
 3. އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުން.
 4. ބިންވެރިޔާ ޕްރޮގްރާމުގެ ތެރެއިން ގޯތީ ލިބޭނެކަމަށްބުނެ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް، ސަރުކާރުގެ ޚާއްޞަ ސްކީމެއްގެ ދަށުން، އެގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތަކަށް ލިބުނު ގޯދި، ނިމިފައިވާ އާ ގެއަކާއެކު، ޙަވާލުކުރެވޭނެ މަގުފަހިކޮށްދިނުމާއެކު، ދެވުނު ގޯއްޗަކީ ހުސްބިމެއް ނުވަތަ އަދި ނުހިއްކާއޮތް ފަޅެއްގެ ބައެއްގެ ގޮތުގައި އޮތުން ބަދަލުކޮށް، ގޯތި ލިބުނު ރައްޔިތުންނަށް ޤެދޮރުވެރިކަމުގެ ހަޤީޤީ އުފާވެރިކަން ކަށަވަރުކޮށްދިނުން. އަދި، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދޫކުރާ އެންމެހާ ގޯތިތަކުގައިވެސް މިސްކީމްގެ ދަށުން ގެެޔެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފޯރުކޮށްދިނުން.
 5. 2018 ގައި ސާއިޢުކުރެވުނު ހިޔާ ފްލެޓުން އެޕާޓްމަންޓް ހައްގުވާ ފަރާތްތަކުގެ ޢަސްލު ލިސްޓުގައި ހިމެނި، އެހެންނަމަވެސް ނިމެމުން މިދާ ސަރުކާރުން ފްލެޓް ނުދީ އެލިސްޓުން އުނިކުރި ހުރިހާ ފަރާތްތަކަށް، އެންމެ އަވަހަށް ޤާއިމުކުރެވޭ ސޯޝަލް ހައުސިންގ މަސްރޫއުގެ ތެރެއިން ފްލެޓް ދިނުން.
 6. ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުން.
 7. މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުން.
 8. ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުން.
 9. ހުރިހާ ސިޓީއެއް ހުރިހާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ތެރެއިން، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުން.
 10. ހުރިހާ ރަށެއްގައި އަސާސީ ޚިދްމަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، މަތީ ފަންތީގެ ޚިދްމަތްތައް ހޯދުމަށް އަވަސް ދުވެލީގެ ދަތުރުފަތުރާއި ޑިޖިޓަލް ވިއުގައެއްގެ ގުޅުން ޤާއިމުކުރުން.
 11. ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުން.
 12. މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނައިގެން؛ ބައިނަލް އަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމުކޮށް، ހއ، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުން.
 13. މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައާއިި ބައިނަލްއަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން، ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ޞިނާޢީ މަސައްކަތްތަކާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، މެރިކަލްޗަރުގެ އިތުރުން ފަތުރުވެރިކަމުގެ ވަޞީލަތްތައް ފުޅާކޮށް، ތަރައްޤީކުރުން.
 14. މެދުމިނުގެ އިތުރު 7 އާރބަން ސެންޓަރު (މާލޭން އުތުރުގައި 3، ދެކުނުގައި 4 ހިމެނޭގޮތަށް) ތަރައްޤީކުރުން.
 15. ފަސޭހަ، ރަނގަޅަށް ހިނގާ ހައުސިންގ މާކެޓެއް ޤާއިމުކުރުމަށްޓަކައި، ގެދޮރު ގަނެ، ވިއްކާ، ކުއްޔަށްދީ، ކުއްޔަށް ހިފުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލައި، ތަރުތީބުކުރުން.
 16. އަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުން.
 17. ދާއިރާގެ ޓެކްނިކަލް އެހީ ދިނުމާއި، އެކަމަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދީގެން، މިހާރު ހުރި ގެދޮރުތަކުގެ ފެންވަރާއި ސަލާމަތީ ވަސީލަތްތައް ރަނގަޅުކުރުން.
 18. ކުއްޔަށްދޭ ހުރިހާ ގެދޮރެއްގައިވެސް ކަނޑައެޅިފައިވާ ސަލާމަތީ ވަޞީލަތްތަކާއި، ދުވާލުގެ އަލިކަން ލިބޭ މިންވަރާ، ވައި ދައުރުކުރާނެ ގޮތްތައް ހުރިތޯއާ، ގެދޮރުގައި ދިރިއުޅޭ މީހުންގެ އަދަދަށް އެކަށީގެންވާ ޖާގައާއި ވަޞީލަތްތައް ހުރިތޯ ޔަޤީންކުރުން.
 19. މާލޭގައި ހުރި، އެދެވޭގޮތުގައި ބޭނުންނުހިފާ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ގާއިމުކޮށް، ފުލެޓަށް އެދޭ މާލެ ސިޓީގެ ރަށްވެހިންނަށް ފޯރުކޮށްދިނުން.
 20. ވިލިމާލޭގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުން.
 21. އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން.
 22. އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުން.
 23. އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން.
 24. ވިލިމާލޭގައި ޢާންމު ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމާއި، ވިލިމާލޭގެ ފެހި، ހިތްގައިމު، އިންޖީނުލީ އުޅަނދު ނުދުއްވާ މާޙައުލު ދެމެހެއްޓުމާއެކު، ފެނާއި ނަރުދަމާއާއި ކަރަންޓް ކެރިއިންގ ކަޕޭސިޓީ ދެގުނައަށް އިތުރުކޮށް، އަދި، ސްކޫލު، މިސްކިތް ފަދަ ތަންތަން އާބާތުރަފިލުވައި، ހިދްމަތް އިތުރަށް ފުޅާކުރުން.
 25. މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދިނުން.
 26. ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އުތުރު ފައިސާ ހޯދުމުގެ މާތް ނިޔަތުގައި، ހުރިހާ ސިޓީއެއްގައި ވަޤްފު ބިންތައް އިތުރުކުރުން.
 27. ޒަމާނީ ފެންވަރުގެ އާ މަސްމާރުކޭޓޭއް މާލޭގައި ޤާއިމުކުރުން.
 28. ނިމެމުންމިދާ ސަރުކާރުން ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓު ލިބޭނެކަމަށް ލިޔުން ދީފައިވާ އެއްވެސް ފަރާތެއް އުނި ކުރުމެއްނެތި، އެފަރާތްތަކަށް ގޯއްޗާއި ފްލެޓް، އެތަނަކުން އެމިންގަނޑަށް ލިބޭނެކަން ޔަޤީންކުރުން.
 29. މާލޭ ސިޓީގެ އެކި ސަރަޙާއްދުތަކުގައި ޕާކީންގ ބިލްޑިންގ އަޅައި، ދިމާވެފައިވާ ޕާކުކުރުމުގެ ދަތިކަމަށް ބޮޑު ޙައްލެއް ހޯދައިދިނުން.
 30. މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމަށް ދާއިމީ ޙައްލެއްގެ ގޮތުގައި، ޒަމާނީ ފެންވަރުގެ ޑީވޯޓަރިންގ ނިޒާމެއް، ދިރާސާގެ އަލީގައި ސިޓީގެ މުހިންމު ހިސާބުތަކުގައި ޤާއިމުކުރުން.
 31. ޞިއްޙަތާއި އަދި ތިމާވެށްޓާއި ރަޙްމަތްތެރި އީ-ބައިކް ނިޒާމެއް ހުރިހާ ސިޓީއެއްގައި ޤާއިމުކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުން.
 32. މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ގެދޮރު އިމާރާތްކުރުމުގެ (ރޯހައުސް ނުވަތަ އެޕާޓްމަންޓް ވިޔަސް) ޤައުމީ މަޝްރޫޢެއް ހިންގުން.
 33. ރާއްޖޭގެ ރަށްރަށުގައި އާދަޔާޚިލާފަށް ތޮށްޖެހިފައިވާ ނުވަތަ މަގުތަކާއި ގޯޅިތަކާއި ގެތައް ހުރިގޮތުން ހާސްކަންބޮޑު ސަރަޙައްދުތައް ޕްލޭންކޮށް ހިތފަސޭހަ ސަރަޙައްދުތަކަކަށް ބަދަލުކުރުމަށްޓަކައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވާ އާރބަން ޑިވެލޮޕްމަންޓް ޓޫލެއްކަމުގައިވާ ”ލޭންޑް ރީއެޖެސްޓްމަންޓް“ ހިންގާ ތަންފީޒުކުރުމަށްޓަކައި، ބޭނުންވާ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދާ ފާސްކޮށް، ލޭންޑް ރީއެޖަސްޓްމަންޓް މަޝްރޫއުތައް ހިންގުން.
 34. މާލޭގައި ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ލޭންޑްސްކޭޕްކޮށް މާލެއަށް ހިތްފަސޭހަކަން އިތުރުކުރުން.
 35. މާލޭގައި ގޯޅީގެ ހަނިކަމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ގޯތީގެ ލޮކޭޝަން ބޭންކަށް ފީޒިބަލް ނުވާތީ ގެދޮރު އިމާރާތްކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކުގެ ތެރެއިން އެދޭ ފަރާތްތަކަށް ލާޖައްސާ ޢުޞޫލުން ގްރޭޓަރ މާލޭ ސަރަޙައްދުގެ އެހެން ހިސާބަކުން ގޯތިދިނުން.
 36. ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދިނުން.
 37. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ހުޅުމާލޭގެ މުނިސިޕަލް އެންމެހާ ކަންކަން މާލޭ ސިޓީ ކައުންސިލަށް، އާރބަންކޯއިން އެކަމަށް ބޭނުންކުރަމުންގެންދާ ބަޖެޓާއި ވަޞީލަތްތަކާއެކު ބަދަލުކުރުން އަދި އެ ބަޖެޓުން އެކަމަށް މުވައްޒަފުން ނެގުމާއި، މުވައްޒަފުން ބަދަލުވާން ބޭނުންވާނަމަ، ބަދަލުކުރާނީ އެ މުވައްޒަފަކަށް މިހާރުވެސް ލިބެމުންދާ މުސާރައިގައިކަން.
 38. މާލޭގެ އަދި ކޮންމެ ސިޓީއެއްގެ ކޮންމެ މަގަކާ ގުޅޭގޮތުން ރައްޔިތުން ޚިދްމަތް ލިބިގަންނާނޭ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރުން.
 39. މާލޭގެ ޓްރެފިކް ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަށް ބެލެހެއްޓުން.

މިއެވެ. މިއީ އަދި މިހާތަނަށް ކެންޑިޑޭޓަކު އެންމެ ތަފްސީލީގޮތެއްގައި މެނިފެސްޓޯ ހުށަހަޅުއްވައިދެއްވި ފަހަރުކަން ފާހަގަކޮށްލެވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button