ޚަބަރު

މާލޭ ސިޓީ ކައުންސިލާއި ޗައިނާގެ ޕިންގްޓަން ސިޓީއާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ދިވެހިރާއްޖެއަށް ޒިޔާރަތްކުރަމުންދާ ޗައިނާގެ ޕިންގްޓަން ސިޓީގެ މަތީ ފަންތީގެ ވަފުދު މިއަދު މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާއި މާލޭ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ އެކު މަޝްވަރާގެ ބައްދަލުވުމެއް ބޭއްވިއްޖެއެވެ.

ޕިންގްޓަން ކޮމްޕްރިހެންސިވް ޕައިލެޓް ޒޯން ތަމްޞީލުކުރާ މި ވަފުދަށް މަރްޙަބާ ދެންނެވީ މޭޔަރ މުޢިއްޒުއެވެ. ޗައިނާގެ ތިން ސިޓީއަކާއެކު މިހާރުވެސް މާލެ ސިޓީން (’ސިސްޓަރ ސިޓީ‘ އެއްބަސްވުމުގެ ދަށުން) ގާތް ގުޅުމެއް ބާއްވަމުންދާކަން ފާހަގަކަރައްވާ، ޕިންގްޓަން އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޚާއްޞަކުރެވިގެން ތަރައްޤީކުރެވެމުންދާ ތަނަކަށްވެފައި ދެސިޓީގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލްގެ މައިގަނޑު މަސައްކަތްތަކާއި ތަޞައްވުރު ބަޔާންކުރައްވާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިންވެސް ޗައިނާއިން ގިނަގުނަ އެހީތަކެއް ސިޓީ ކައުންސިލަށް ފޯރުކޮށްދެމުންދާކަން އުފަލާއި ޝުކުރުވެރިކަމާއެކު ހާމަކުރައްވާފައެވެ. ރާއްޖެއަށް ޒިޔާރަތްކުރުމުން ގިނަ ކަންތައްތަކެއް އެނގި، އޮޅުންފިލާ، ދަސްވިކަމަށް ޕިންގްޓަންގެ ވަފުދުގެ އިސްވެރިޔާ، ސީ.ޕީ.ސީ ވާރކިންގ ކޮމިޓީގެ ސެކްރެޓަރީ މިސްޓަރ ޖުން ލައި މިބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި، މާލެ ސިޓީ ކައުންސިލާ ވަރަށް ގާތުން މަސައްކަތްކުރުމަށް އެބޭފުޅުން ޝައުޤުވެރިވާކަން ފާހަގަކުރެއްވިއެވެ. އަދި، ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން އޮޅުންފިލުއްވާ، އޭގައިވާ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޕިންގްޓަން ސިޓީން މާލެ ސިޓީ ކައުންސިލަށް އެހީތެރިކަމާ އެއްބާރުލުން ދޭން ތައްޔާރަށް ތިއްބެވިކަމަށް ބަޔާންކުރެއްވިއެވެ.

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ، މާލޭ ސިޓީގެ މޭޔަރ ވާހަކަފުޅު ދެއްކެވިއެވެ. 2013 އިން 2018 އާ ދެމެދު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވުނުކަން ފާހަގަކުރައްވާ، ޑރ. މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މިކަން ބަލައިގަންނަކަމަށާއި، ޗައިނާއާ ގާތުން މަސައްކަތްކުރުމަށް އަބަދުވެސް ޙާއްޞަ އިސްކަމެއް ދެމުންދާކަމަށެވެ. ޕިންގްޓަން ސިޓީ އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޙާއްޞަކުރެވިގެން ޗައިނާގައި ހިންގޭ ދެވަނަ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވާ، މިސްޓަރ ޖުން ލައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު ތަޖުރިބާއިން އެބޭފުޅުން ހިތްވަރު ހޯއްދަވައި މަޢްލޫމާތު އޮޅުންފިލުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި، އެސިޓީގެ އެކި ކަންކަން ތަރައްޤީކުރުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޞޫލުތަކުގެ މަޢްލޫމާތު ސިޓީ ކައުންސިލާ ޙިއްޞާކޮށް، ސިޓީ ކައުންސިލްގެ ޚިދްމަތްތައް ހަރުދަނާކުރުމަށް ޕިންގްޓަން އިން އެހީތެރިވެދެވިދާނެ ދާއިރާތައް ކަނޑައަޅުއްވަން ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ޕިންގްޓަންގެ ވަފުދުގައި، އެސިޓީގެ ޚާރިޖީ ގުޅުންތަކާއި، ގެދޮރުވެރިކަން، މުނިސިޕަލް ޚިދްމަތްތައް، ފަތުރުވެރިކަން، ސަޤާފަތް އަދި މޫދު ކުޅިވަރު ފަދަ ދާއިރާތަކުގެ ކަމާބެހޭ ބޭފުޅުން ހިމެނިވަޑައިގެންފައެވެ. މޭޔަރ ޑރ. މުޢިއްޒުގެ އަރިހުގައި މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރ، ބައެއް ކައުންސިލަރުން، ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކަމާބެހޭ ކޮންސަލްޓަންޓުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button