ޚަބަރު

މަޖިލީހުގެ ރިޔާސަތުގައި އަފީފް އިންނެވީ މަކުނު ސައްކެޔޮ ގަހަށް އަރާ އިންނަހެން: ސަނީފް

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރިޔާސަތުގައި އިންނެވީ ރާމާމަކުނެއް ސައްކެޔޮ ގަހަށް އަރާ އިންނަ ގޮތަށް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ހޫނުވެ މެމްބަރު ސަނީފް ރިޔާސަތުގައި އިންނެވި އަފީފަށް މަކުނަށް ގޮވާފައިވަނީ އަފީފް ރިޔާސަތު ބަލަހައްޓަވަމުންދާ ގޮތާއިމެދު ނުރުހުންވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެކަމަށް ޢިޝާރާތް ކުރައްވާ ސަނީފް ވިދާޅުވީ އަފީފު ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ޤަވައިދާ ޚިލާފަށް ކަމަށާއި އޭނާ ރިޔާސަތުގައި އިންނެވީ ގަހަކަށް މަކުނެއް އަރާ އިންނަ ގޮތަށް ކަމަށެވެ.

”މަނިކުފާނު ތި އިންނެވީ، މަކުނެއް، ރާމާމަކުނެއް ސައްކެޔޮ ގަހަށް އަރާ އިންނަހެން މިއަދު ތި ގޮނޑިއަށް އަރާ. މަނިކުފާނަށް އެނގޭތޯ،“ ސަނީފު ވިދާޅުވެފައިވެއެވެ.

ސަނީފް އިތުރަށް ވިދާޅުވީ މަޖިލިސް ޤަވައިދު ބުނާ ގޮތުން މަޖިލިސް ރައިސް އާއި ނައިބު ރައީސް ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ އެހެން މެންބަރަކާ ރިޔާސަތު ހަވަލުކުރާ ނަމަ އެކަން ކުރަން ވާނީ ސަބަބު ބަޔާންކުރުމަށްފަހުގައި ކަމަށެވެ. މެންބަރު ސަނީފް އެފަދައިން ވިދާޅުވުމުން އަފީފް ވަނީ އޭނާގެ ވާހަކަ ހުއްޓުވާ މަޖިލީހުގެ ޤަވައިދާ އެއްގޮތަށް ވާހަކަ ކުރިއަށް ގެންދިއުމަށް އެދިލައްވާފައެވެ.

ސަނީފަށް ވާހަކަ ދައްކަވަން ލިބުނު ދެވަނަ ފުރުޞަތުގައި އޭނާ ވިދާޅުވީ އޭނާ ވާހަކަ ދައްކަވަނީ މަޖިލީހުގެ ޤަވައިދާ އެއްގޮތަށް ކަމަށާއި، އަދި މަޖިލީހުގެ ރިޔާސަތުން ސަބަބު ބަޔާން ނުކޮށްދީ މަޖިލީހުގެ ރިޔާސަތު އަފީފްއާ ހަވާލުކޮށްފައިވާއިރު މަޖިލިސް ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އިވާ ތިއްބެވީ މަޖިލީހުގެ ކުޑަ ދޮށުގައި ސައްލާ ކުރަން ކަމަށެވެ.

މީގެއިތުރުން މަޖިލިސް ޤަވައިދު ބުނާ ގޮތުން މަޖިލިސް ރިޔާސަތަކީ މެންބަރުންނަށް އިޝާރާތްކޮށް ރައްދު ދޭ ފަރާތެއް ނޫން ކަމަށާއި އަފީފް ރިޔާސަތުގައި އިންނެވީ މަކުނެއް ސައްކެޔޮ ގަހަކަށް އަރާ އިންނަހެންކަމަށް ވިދާޅުވި ވިދާޅުވުން ސަނީފް ވަނީ ތަކުރާރުކުރައްވާފައެވެ. ސަނީފްގެ މި ބަހުރުވައާއި ގުޅިގެން ރިޔާސަތުން ވަނީ ސަނީފްގެ މައިކް ކަނޑާލުމަށް ފަހު އޭނާއަށް ވާހަކަ ދެއްކުމަށް ފުރުސަތު ނުދެއްވުމަށް ނިންމަވާފައެވެ.

އެމްޑީޕީގެ ތެރެއިން ދެވަނަ ފިކުރެއް އުފެދި އައު ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެމްޑީޕީގެ ސުޕަރމެޖޯރިޓީ ރައްޔިތުންގެ މަޖިލީހުން ގެއްލިފައިވުމާއިއެކު، ކޮންމެ ދުވަހެއްގެ މަޖިލިސް ތަޅުމުގައި އެމްޑީޕީގެ 2 ފެކްޝަން މެމްބަރުން ދަނީ ބަހުގެ ހަމަލާތައް ދެއްވާ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button