ޕީޖީގެ ވަކީލުންގެ ޓީމު އެއްކޮށް ވަކިކޮށްފި
މިނިސްޓަރ އޮފް ޔޫތު އަޙްމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން އުފުލި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެނައުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ޕީޖީގެ ވަކީލުންގެ ޓީމު އެއްކޮށް އެ މައްސަލައިން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ މަހުލޫފްގެ މައްސަލަ ކުރިމިނަލް ކޯޓުން އަނބުރާ ގެނައުމަށް ސިޓީ ފޮނުވުމަށް ޕީޖީ ޙުސައިން ޝަމީމް އެބޭފުޅުންނަށް އެންގުމުން އެކަން އެގޮތަށް ކުރަން ޓީމުގެ ހުރިހާ މެންބަރުން ވެސް ދެކޮޅު ހެދިއެވެ. އަދި އެމްއެމްޕީއާރުސީ މައްސަލަތަކުން ޝަމީމް މީގެ ކުރިން އެއްކޮށް ތަނާޒުލްވުމަށް ފަހު އެ މައްސަލަތަކާއި ގުޅިގެން ވަކި ގޮތަކަށް ކަންކަން ކުރުމަށް ނޭންގޭނެ ކަމަށާއި ބޭނުންވާނަމަ އަމިއްލަފުޅަށް ސިޓީ ފޮނުވުމަށް ޓީމުގައި ހިމެނޭ ފްރޮސިކިއުޓަރުން ޝަމީމްއަށް ދަންނަވާފައިވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
”ޕީޖީ ވިދާޅުވީ އެބޭފުޅާ އެމަގާމުގައި ހުންނައިރު އުނދަގޫ ބައެއް ކަހަލަ ނިންމުންތައް ރަނގަޅަކަށްޓަކައި ނިންމަން ޖެހޭނެ. އަދި މަހްލޫފް މައްސަލަ އަނބުރާ ގެންނަން މަޖުބޫރު. އެކަމުގައި އިތުރު ޗޮއިސްއެއް ނެތް. އެންމެ މަތިން ސީދާ ރައީސްގެ ފަރާތުން ރިކުއެސްޓު އައީ “ މައުލޫމާތު އާންމުކުރެއްވި ޕްރޮސިކިއުޓަރ ވިދާޅުވިއެވެ.
މަހްލޫފްގެ މައްސަލަ އަނބުރާ ގެނައުމަށް އެހެން ޕްރޮސިކިއުޓަރެއް ލައްވާ ސިޓީ ލިޔުމަށް ފަހު ކުރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.