ޚަބަރު

ސިޔާމް އިންޒާރުދިންކަމުގެ ހެކި އެބަހުރި: ނޫސްވެރިޔާ

’ދައުރު‘ ނޫހުގެ ލިޔުންތެރިޔާއަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ  އަހްމަދު ސިޔާމް މުހައްމަދު އިންޒާރުދިންކަމަށް އިންކާރުކުރި ނަމަވެސް، އެކަމުގެ ހެކި އެބަހުރި ކަމަށް ނޫސްވެރިޔާ ބުނެފިއެވެ.

”ސިޔާމާއި ހިލްޓަންގެ މައްސަލަ؛ ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް“ ނަމުގައި މިދިޔަ ހުކުރު ދުވަހު ”ދައުރު“ ނޫހުގައި ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން ނޫސްވެރިޔާ އަދި އެމްޖޭއޭގެ އެސްޖީ އަހުމަދު ނާއިފަށާއި އެ ނޫހުގެ އެޑިޓަރަށް ގުޅައި ސިޔާމް  ބިރުދެއްކި ކަމަށް ވަނީ ބުނެފައެވެ.
ސިޔާމްގެ ކޯލަށްފަހު އެކި ނަންބަރުތަކުން ނޫސްވެރިޔާއަށް މަރުގެ އިންޒާރުގެ މެސެޖުތައް ވަނީ ލިބިފައެވެ. އެގޮތުން ނޫސްވެރިޔާއާއި އެޑިޓަރަށް ލިބުނު މެސެޖުތަކުގައި އެ ދެމީހުންނާ ”މަގުމަތިން ދިމާކޮށްލާނެ“ ކަމަށާއި ”ފުރާނަ ދުއްވާލަން ވެސް ފަސްނުޖެހޭނެ“ ކަމަށް ބުނެފައި ވެއެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އެކަން ދޮގުކޮށް  ސަން ޓްރެވަލްސް އިން ނެރުނު ބަޔާނެއްގައި ނޫސްވެރިޔާއަށް ނުވަތަ ނޫހަށް  އެއްވެސް އިންޒާރެއް ދީފައި ނުވާނެ ކަމަށެވެ.
 އެ ރިޕޯޓުގެ މަގުސަދަކީ ސަން ގުރޫޕުގެ ކުންފުނިތަކާއި ސިޔާމްގެ ނަން ހުތުރުކޮށް ގެއްލުން ދިނުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި ރިޕޯޓާ ގުޅިގެން ކުންފުންޏަށް  ގެއްލުން ލިބިފައިވާ ކަމަށް ބުނެ، ސަންޓްރެވަލްސްއިން ވަނީ އެ ކުންފުންޏާއި އަހްމަދު ސިޔާމުގެ ފަރާތުން ނޫސްވެރިޔާގެ ލިޔުމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން އިންޒާރު ލިބުނު ނޫސްވެރިޔާ އަހްމަދު ނާއިފް ވިދާޅުވީ، އެ ލިޔުމާ ގުޅިގެން ހުކުރު ދުވަހުގެ 14:02 އާއި 15:00 އާ ދެމެދު ސިޔާމް ގެންގުޅުއްވާ ރަސްމީ ނަންބަރުން ވަޓްސްއެޕް މެދުވެރިކޮށް ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު، ހިރިގާ އަހުމަދު ޒާހިރަށް ތަކުރާރުކޮށް ގުޅުއްވައި، ކޯފާ އިސްވެ ހަޑިހުތުރުބަހުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
އެގޮތުން ”މިދެނީ ފަހުގެ އިންޒާރު“ ކަމަށާއި ”އާޓިކަލް ވަގުތުން ނަގަން“ އެންގި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސިޔާމް ވަނީ ވަޓްސްއެޕުން ފޮނުވި މެސެޖުތައް ފަހުން ޑިލީޓްކޮށްލާފައެވެ.
މެސެޖުތައް ނެތް ނަމަވެސް ކޯލް ލޮގްތަކާއި މެސެޖުތައް ޑިލީޓްކުރިކަމުގެ ހެކި މިހާރުވެސް އެބަހުރި ކަމަށް ނާއިފް ވިދާޅުވި އެވެ.
އަދި އާޓިކަލްގައި ތެދު ހާމަކުރުމުގެ ބަދަލުގައި ސިޔާމްގެ ނަމަށް ހުތުރުކޮށް ގެއްލުން ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނާ ވާހަކަތަށް ދޮގުކުރައްވައި ނާއިފް ވިދާޅުވީ، އާޓިކަލް ލިޔުމުގައި ރައްދުވާ ފަރާތުގެ ވާހަކަތަށްވެސް އެކަށީގެންވާ ފުރުސަތު ދީފައިވާނެ ކަމަށާއި އާޓިކަލް ލިޔުމުގައި އަމަލުކޮށްފައިވާނީ ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސްއާ އެއްގޮތަށް ކަމަށެވެ.
”އަޅުގަނޑާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ގޮތުން ޑިފަމޭޝަންގެ ނުވަތަ އަބުރަށް އަރައިގަތުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމަށް ދިރާސާކުރަމުންދާކަމަށް ބުނެފައިވާތީ، އެއީ އަޅުގަނޑުގެ ލިޔުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް އޮންނާނެ ހައްގެއް ކަމަށާއި، އަބުރަށް އަޅުގަނޑު އަރައިގަނެފައިވާ ކަމަށް އެއްވެސް ފަރާތަކަށް ގަބޫލުކުރެއްވޭނަމަ ކޯޓަށް ވަޑައިގަތުމަށް މަރުހަބާ ކިޔަން،“ ނާއިފް ވިދާޅުވި އެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button