”ދިވެހި މީޑިއާގެ ދަފުތަރު“ ގެ އުސޫލު އާންމުކޮށްފި
ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ނޫސްމަޖައްލާތަކުގެ ދަފުތަރު ބެލެހެއްޓުމަށް ޓަކައި އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނިންމުންތައް ނިންމުމުގައި ލިބިފައިވާ ދަތިތަކާއި، ރާއްޖޭގެ މީޑިއާގެ ދަފުތަރު ބެލެހެއްޓުމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަކީ މި އުސޫލުގެ މައިގަނޑު އެއް މަގުސަދެވެ.
މީގެ އިތުރުން ގަވާއިދަށާއި ގަވާއިދާ ހިލާފަށް ހިންގަމުންދާ މީޑިއާތައް ދެނެގަނެވޭނެ ފަދަ އެކަށޭނަ ނިޒާމެއް ގާއިމު ކުރުމަކީ ވެސް މި އުސޫލުގެ މުހިންމު އެއް ބޭނުމެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާނެއެވެ.
އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މީލާދީ އެއް މަސްދުވަހުގެ ތެރޭގައި މީޑިއާގެ ދަފުތަރު އެކުލަވައިލަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.