ޚަބަރު

ފްލެޓު ލިސްޓު ރިވިއު ކުރަނީ

”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން ނެރެފައިވާ ފްލެޓު ލިބޭ މީހުންގެ ލިސްޓަކީ އުސޫލަށް ނުފެތޭ, ކޮރަޕްޝަން އެކުލެވޭ 4,000 ފްލެޓްގެ ލިސްޓެއްކަމަށް މައުލޫމާތު ލިބެއެވެ. މި ލިސްޓުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވަނިކޮށް އެ މައްސަލާގައި ފުރަތަމަ އޭސީސީން އެންގީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މުއްދަތެއް ދިނުމަށްފަހު މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

ޕްލޭނިން މިނިސްޓްރީން ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށްފަހު ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެ, ގުރު ނެގުމަށްފަހު އެގްރީމަންޓުގައި ސޮއިކުރަން ފެށުމާއެކު އޭސީސީން ވަނީ އެ މަޝްރޫއު މަޑުޖައްސާލަން އަންގާފައެވެ.

ފުލެޓު ދޫކުރުމުގެ މަސައްކަތް އޭގެ ފަހުން ކުރިއަށް ގެންގޮސްފައި ނުވާއިރު، ސަރުކާރުން ވިދާޅުވަނީ ”ފުލެޓުތައް އަޅުގަނޑުމެން ރިވިއު ކުރާނަން. ފުލެޓު ލިބިފައި އޮތީ ހައްގު ބަޔަކަށްތޯ ނޫންތޯ. ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު ރައީސް މުއިއްޒު ސަރުކާރަށް އިލްތިމާސް ކުރެއްވީ ބިމާއި ފުލެޓު ދޫކުރުން މަޑުޖައްސާލުމަށް,“ މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

މި އިލްތިމާސް ކުރެއްވި ނަމަވެސް އެކަމަށް ކުރީ ސަރުކާރުން އިހުތިރާމް ކުރައްވާފައި ނުވާ ކަމަށާއި އެ މަސައްކަތް މަޑުޖައްސާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ ފްލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7000 ރުފިޔާ އާއި މަރާމާތު ފީއަށް 1000ރުފިޔާ ހިމެނޭހެން 8000 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ ފްލެޓަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5000 ރުފިޔާ އާއި މަރާމާތު ފީ 1000 ރުފިޔާ ހިމަނައިގެން 6000 ރުފިޔާއެވެ.

ފްލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހަށް ފަހު ކުލި ދައްކަން ފަށަން ޖެހެއެވެ. ކުލި ދައްކަން ޖެހެނީ 300 މަހަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button