ޚަބަރު

އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ އެޖެންޑާއަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިންތިހާބީ ރައީސް ހުވާ ކުރައްވާ ޖަލްސާއަށް އެޖެންޑާކުރަން ޖެހެއެވެ.

އެމްޑީޕީން ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވި މަޑުޖެހިފައެވެ. މިކަން މިހެން ދިމާވެފައި ވުމުން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެމްޑީޕީން ދެކޭގޮތުގައި ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭ ނަމަ، އިންތިހާބީ ރައީސް ހުވާކުރައްވަން ގާނޫނީ ހުރަސްތައް ހުންނާނެއެވެ. އެގޮތުން އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވެފައިވަނީ، އިންތިހާބީ ރައީސް ހުވާކުރައްވަން ބާއްވާ ޖަލްސާގެ އެޖެންޑާގެ އެންމެ ކުރީގައި އިތުބާރު ނެތް ކަމުގެ މައްސަލަ ހިމަނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިކަމާ ދެކޮޅަށް ދައުލަތުން ބުނެފައިވަނީ މުއިއްޒު ހުވާކުރައްވަން އެއްވެސް ގާނޫނީ ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ.

އެމްޑީޕީން ބުނާ ގޮތުގައި މަޖިލީހުގެ ގަވައިދުގެ 205 ވަނަ  މާއްދާގެ ’ރ’ގައި ބުނެފައިވާ ގޮތުން އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ވަގުތު އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށް ފަހުއެވެ.

މީގެ ރައްދުގައި، ދުސްތޫރީ މައްސަލައަށް ތަދައްހުލްވި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަކާލާތު ކުރައްވައި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ބަޖެޓާއި އިންތިހާބީ ރައީސް ހުވާކުރުމުގެ ކަންކަމަށް ހުރަސް ނޭޅޭނެ ކަމަށާއި އެކަންކަމަށް ހައްލު ލިބެން ޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button