ތިލަމާލެ ބުރިޖުގެ މަސައްކަތުން ނިމިފައިވަނީ 27 އިންސައްތަ
77 އިންސައްތަ މަސައްކަތް ނިންމަން ތާވަލުކޮށްފައިވާ ތިލަމާލެ ބުރިޖުގެ މަސައްކަތް މިހާތަނަށް ނިމިފައިވަނީ އެންމެ 27 އިންސައްތަ ކަމަށް އަދުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި މަޝްރޫޢު ކަމަށްވާ ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ބުރިޖުގެ މަސައްކަތް ވަނީ އޯގަސްޓު މަހުގެ ނިޔަލަށް ނިންމަވާނެ ކަމަށް ވިދާޅުވެފައި ނަމަވެސް ޖޫން މަހުގެ ތެރޭގައި އެމަނިކުފާނުގެ ނޭޝަނަލް ޕްލޭނިން، އިންފްރަސްޓްރަކްޗާ އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމުވަނީ އެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ނުދާކަމަށް ވިދާޅުވެފައެވެ.
ފަސް ސަތޭކަ މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން ލޯނު ފައިސާއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުޙައްމަދު ފިރުޒުލް، ބުރިޖުގެ މަސައްކަތުގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ ތާވަލުގައިވާ ގޮތުން މިހާތަނަށް ބުރިޖުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް އޮންނަންޖެހޭނީ ނިމިފައި ކަމަށާއި، ނަމަވެސް އަދި ނިމިފައިވަނީ އެންމެ 27 އިންސައްތަކަމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ސަރުކާރުން ދަނީ ބުރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށެވެ. އަދި މަސައްކަތް ނިމޭނެ ތާރީޚެއް ކަނޑައަޅައި މަސައްކަތް ފެށުމަށެވެ.