ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން އިސްތިއުފާ ދެއްވައިފި!

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެއީ ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދާއި ޑެޕިއުޓީ ކޮމިޝަނަރު މަންނާނު ޔޫސުފެވެ. މައުލޫމާތު ލިބިފަިވާ ގޮތުގައި ދެ ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރުން އެގޮތަށް އެންގުމުންނެވެ.
މަންނާން ޔޫސުފް އިސްތިއުފާ ދެއްވިއިރު ހުންނެވީ އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގަ އެވެ. ސީޕީ ހަމީދު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން މަންނާނަށް އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަޤާމު ވަނީ ހަވާލުކޮށްފައެވެ.
މި ދެ ބޭފުޅުންގެ އިސްތިއުފާއާއެކު ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރަން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.
10 އޮކްޓޯބަރ 2022ގައި ޓޫފޯ ވަނީ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމައި ވަޒީފާއިން ވަކިކޮށްފައެވެ.
ފުލުހުންގެ ބޯޑުން ޓޫފޯ ވަޒީފާއިން ވަކިކުރުމުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން އޭނާ ވަޒީފާއިން ވަކިކުރީ ޤަވާއިދާ ޚިލާފަށެވެ. މި ހުކުމް ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ޖޫން 6, 2023ގައި، އިސްތިއުނާފު މަރުހަލާ ނިމެންދެން އަދި ހައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސައިލުމަށް ވަނީ ހުކުމް ކޮށްފައެވެ. އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވެއެވެ.