ޚަބަރު

ކަރެކްޝަން ސަރވިސްގެ އޮފިސަރުންތަކެއް މާފުށީ ޖަލުގައި ހުރި ގައިދީއަކަށް އަނިޔާކުރިކަން ތަހުގީގުން ސާބިތުވެއްޖެ

މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ ފަސް އޮފިސަރަކު މާފުށީ ޖަލުގައި ހުރި ގައިދީއަކަށް އަނިޔާކުރިކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރި ތަހްގީގަކަށް ސާބިތުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ނިމުނު އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ދިވެހި ނޫސް ”ދިޔަރެސް“ އިން ބުނެފައިވާގޮތުގައި، އެ ގައިދީ ގައިގައި ކަރެކްޝަންގެ އޮފިސަރުންތަކެއް ތަޅައިގަތީ އޭނާ ގޮޅިން ނެރުމަށްފަހު އަލުން ގޮޅިއަށް ވައްދަން އުޅުމުން، ގޮޅިއަށް ވަންނަން އިންކާރުކުރުމުންނެވެ. އަދި އަނިޔާ ލިބުނު މީހާގެ ބަޔާނުގައި ބުނާގޮތުންނަމަ ގޮޅިއަށް ވަންނަން ދެކޮޅުހެދީ، އޭނާ ހިމެނޭގޮތަށް އިތުރު ބަލި މީހެއްގެ ހާލަތާ ގުޅިގެން އެމީހުން ކުރި ޝަކުވާތަކަށް ޖަވާބު ނުލިބޭތީ ކަމަށެވެ. އެހެންވެ ގޮޅިއަށް ވަންނާނީ އެކަމުގެ ޖަވާބެއް ދިނީމައިކަމަށް އަނިޔާ ލިބުނު މީހާ ބުނުމުން، އެ ސަރަހައްދުން އޭނާ ނެރެގެން ގޮސް، ގޮނޑިއެއްގައި ބައިންދައި، އަތުގައި ބޮޑި އަޅުވާފައި އަނިޔާކުރީކަމަށެވެ.

އަނިޔާ ލިބުނު ގައިދީ ބުނާގޮތުންނަމަ، އޭނާއަށް އެ އޮފިސަރުން އަނިޔާކުރި މަންޒަރު ގޮޅި ބަރީގެ މަތީގައި ތިބި މީހުންނަށް ފެންނާނެއެވެ. އަދި އެ މަންޒަރު ދުށް މީހުން ތިބި އިރު އެމީހުންގެ ހެކިބަހުން، އަނިޔާ ލިބުނު މީހާ ގޮނޑީގައި ބައިންދަން އޮފިސަރުން އުޅުނު ވަގުތު އޭނާގެ ބުރަކަށީގައި އެތަނުގައި ހުރި އޮފިސަރެއްގެ އުޅަބޮށިން ޖެހިތަން ފެނިފައިވާކަން ހާމަވެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުންނަމަ އިތުރު އޮފިސަރަކުވެސް އެމީހާއަށް އަނިޔާކޮށްފައިވެއެވެ.

މަރުގެ އިންޒާރުދެމުން އެމީހާގެ ބޮލުގަޔާއި ގައިގެ އެކި ތަންތަނުގައި ތަޅާފައިވާކަމަށާއި، އޭނާ ބޭންދި ގޮނޑިވެސް އަނިޔާކުރަނިކޮށް ބިންދައިގެން ގޮސްފައިވާކަމަށް އެމީހާ މައުލޫމާތު ދެއެވެ. އަދި އަނބުރާ ގޮޅިއަށް ގެންދިޔައިރު އޭނާގެ ހަށިގަނޑުން އަނިޔާކުރި ކަމުގެ ނިޝާންތައް ފެންނާނެކަމަށާއި، އެ އަނިޔާތަކާ ގުޅިގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަން އެދުނުނަމަވެސް އެކަންވެސް ކޮށްދީފައިނުވާކަމަށް އޭނާ ބުނެއެވެ.

އަނިޔާ ލިބުނުކަމަށް ބުނާ ގައިދީގެ ވާހަކަތައް ދޮގުކުރަމުން މޯލްޑިވްސް ކަރެކްޝަން ސަރވިސްއިން ބުނީ އެއްވެސް އޮފިސަރަކު އެމީހާއަށް އަނިޔާނުކުރާކަމަށެވެ. އަދި އެންމެ ފުރަތަމަ އޮފިސަރުންނަށް ހަމަލާ ދިނީވެސް ގައިދީ ކަމަށާއި ބޭއަދަބީ ބަހަކުން އޮފިސަރުން އޭނާއާ މުއާމަލާތުކޮށްފައިނުވާކަމަށެވެ. އެ ކަން ދިމާވީ ގައިދީ ގޮޅިއަށް ވައްދަން އޮފިސަރުން އުޅުނު ވަގުތު ކަމަށް ކަރެކްޝަންއިން ބުނެއެވެ. އެވަގުތު ގޮޅިއަށް ނުވަންނަން ގައިދީ އުޅުމުން، އޮފިސަރު އޭނާ ގޮޅީގެ ތެރެއަށް ވެއްދުމަށް ޕުޝްއެއް ދިނުމުން އޭނާ އަމިއްލައަށް ގޮޅީގެ ތެރެއަށް ވެއްޓިގަތްކަމަށްވެސް ކަރެކްޝަންއިން މައުލޫމާތުދީފައިވެއެވެ.

ކަރެކްޝަންސްއިން މިހެން ބުނިނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ތަހުގީގަށް ވަނީ ގައިދީގެ ހަށިގަނޑުގެ ފޮޓޯތަކެއް ނަގާފައެވެ. އެ ފޮޓޯތަކުން އޭނާއަށް އަނިޔާ ކޮށްފައިހުރިކަމުގެ ނިޝާންތައް ފެންނަކަމަށާއި، 25 ސެޕްޓެންބަރުގެ ހަވީރު، އެ ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖް ހިއްސާކުރުމަށް އެޗްއާރސީއެމްއިން އެދިފައިވީނަމަވެސް އެ ފުޓޭޖްވެސް ހިއްސާކޮށްފައިނުވާކަމަށް އެޗްއާރސީއެމް ބުނާކަމަށް ”ދިޔަރެސް“ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ތުހުމަތުކުރެވޭ ފަސް އޮފިސަރުންނާ މެދު ގާނޫނީގޮތުން ނުވަތަ އެނޫން ގޮތަކަށްވެސް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން މިހާތަނަށް އެނގިފައިނުވެއެވެ. ނަމަވެސް އެންޓި ޓޯޗަރގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޓޯޗާގެ އަމަލެއް ހިންގުމާއި، ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގިކަމުގެ ކުށް ކަރެކްޝަންގެ އޮފިސަރުންގެ މައްޗަށް ސާބިތުވާކަމަށް އެޗްއާރސީއެމްއިން ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މައްސަލައިގައި ދައުވާކުރުމާމެދު ގޮތް ނިންމަން މި ޖަނަވަރީ 19 ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމަށް އެޗްއާރސީއެމްއިން ނިންމާފައިވާކަމަށްވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button