ޚަބަރުސިޔާސީ

އަލިރަސްގެފާނުގެ ޖިހާދު މުހާތަބުކުރަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން: ރައީސް

އަލިރަސްގެފާނުގެ ޖިހާދު އަދުގެ މަސްރަހާ މުހާތަބުކުރާ ގޮތް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެދެއްވައިފިއެވެ.

46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު 10:00 ގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުހާތަބުކުރާ ކަމުގައެވެ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެ މަތިވެރި ޖިހާދު އެބަ ގޮވާލާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ. އަލިރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުހާތަބުކުރޭ. ހަބަރުފަތުރާ އިރު ގައުމާ އެއްކޮޅަށް ހަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ހަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ. އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަމުހާތަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވިގޮތުގައި ހަގީގަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ހައްގަށް ނަސްރުދެއްވާނެކަމެވެ. އެއީ ބިމުގެ ކުޑަ ކަމަށް ބަލައި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކާބަފައިންޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި ކަމުގައެވެ.

”އަޅުގަނޑުމެންގެ ކާބަފައިން ބޭރުގެ ބާރަކަށް ނަފާލިބޭ ގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނަޅޮކާއި އެހެން
ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ސަރުކާރުން ދިވެހި ކަނޑުންގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާހަ ނެތް ބިމެއްކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް.“ ރައީސް ވިދާޅުވިއެވެ.

އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކެން ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ މި ފަހުރުވެރި ޝަހީދުންގެ ދުވަހު ގައުމަށް ތެދުވެރިވުމަށާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން ދައުލަތަށް ވަފާތެރިވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button