ޓީއެމްއޭގެ ގިނަ ސިއްރު މައުލޫމާތުތަކެއް ވަގަށް ނަގައިފި!

ހެކަރުންގެ ގްރޫޕަކުން ޓީއެމްއޭގެ ސިއްރު މައުލޫމާތު ތަކެއް ނަގައިފިއެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޓީއެމްއޭގެ ޗެކިން ސިސްޓަމަށް ދިމާވި ރެންސަމްވެއާ ހަމަލާއަށްފަހު ޓީއެމްއޭގެ ގިނަ މައުލޫމާތުތަކެއް އަދި މުވައްޒަފުންގެ ޒާތީ މައުލޫމާތުތަކެއްވަނީ ހެކަރުންގެ އަތަށް އަރާފައެވެ.
ޓީއެމްއޭގެ ގިނަ މުވައްޒަފުންގެ ޒާތީ މައުލޫމާތާއި ކުންފުނިން ދައްކާ ފައިސާގެ އަދަދު ފަދަ ސިއްރު މައުލޫމާތުތައް ހިމެނޭ ގޮތައް 350 ޖީބީގެ ޑޭޓާ ވަނީ ނަގާފައެވެ. އަދި ހެކަރުންގެ މި ގްރޫޕުން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ.
”ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ މެނޭޖްމަންޓަށް. ތިޔަ ބޭފުޅުންގެ ސިއްރު ޑޭޓާ ލީކުކޮށް ނުވަތަ ތިންވަނަ ފަރާތަކަށް ވިއްކުމަށް ޝައުގުވެރިނުވާނެކަން އަހަރެމެންނަށް ޔަގީން،“ ރެންސަމްހައުސް ގްރޫޕުން ބުނެފައިވެއެވެ.
މި މައުލޫމާތުތައް ލީކުކުރުން ހުއްޓުވުމަށް އަދި އަނބުރާ ހޯދުމަށް ބޭނުންވާނަމަ ޓީއެމްއޭ އިން ފައިސާ ދައްކަންޖެހޭނެއެވެ. އަދި ރެންސަމްހައުސް އިން ކިހާ ފައިސާއެއް ޓީއެމްއޭ ދައްކަން އެންގިކަމެއް އަދި އެނގިފައެއް ނުވެއެވެ.