ޚަބަރުސިޔާސީ

ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ރިޕޯޓު ހޯދަން އިދިކޮޅުން ކޯޓަށް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމާ ގުޅޭ ”ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު“ ހޯދުމަށް އިދިކޮޅުން ކޯޓަށް ގޮސްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ލީޑަރުން ކްރިމިނަލް ކޯޓަށް ގޮސްފައިވަނީ، ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގެ ލިޔުންތައް އަދިވެސް ނުދޭތީ އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މައުލޫމާތު ދެއްވިއެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ކްރިމިނަލް ކޯޓުން 25 ޑިސެންބަރުގައި އިއްވާފައިވާ ހުކުމުގައި ރައީސް ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރު (ދިވެހި ރުފިޔާއިން ނަމަ 77 މިލިއަން) ޖޫރިމަނާކުރުމާއި އެކު 7 އަހަރު ދުވަހަށް ޖަލަށްލައި، ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.

މިހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދުމަށްޓަކައި، ހުކުމާ ގުޅޭ ތަފްސީލީ ރިޕޯޓައި ބަޔާންތައް ބޭނުންވާ ކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެއެވެ. ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރަން ލިބެނީ 60 ދުވަސް ކަމަށްވާއިރު، އަދިވެސް ރައީސް ޔާމީނުގެ ޝަރީއަތާ ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓުން ދީފައެއްނުވެއެވެ.

ބުރާސްފަތި ދުވަހު އިދިކޮޅުން ކްރިމިނަލް ކޯޓަށް ވަޑައިގެންނެވިޔަސް، އެ ބޭފުޅުންނަށް އެކޯޓުގެ އެއްވެސް ވެރިޔަކާއި ބައްދަލުނުކުރެވުނުކަމަށް އިދިކޮޅުން މައުލޫމާތު ދެއްވިއެވެ. އަދި ރިޕޯޓު ދޫކުރުމާ ގުޅިގެން މައުލޫމާތުދެވޭނީ ވަކީލުންނަށް އެކަނިކަމަށް، ކްރިމިނަލް ކޯޓުން ވިދާޅުވިކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރުންނާއެކު ބުރާސްފަތި ދުވަހު، ރައީސް ޔާމީނުގެ ވަކީލުން ކްރިމިނަލް ކޯޓަށް ވަޑައިނުގަންނަވާކަމަށް މައުލޫމާތު ލިބޭއިރު، އަދުރޭ ވިދާޅުވީ އެބޭފުޅުން މިހާރު މަސައްކަތްކުރައްވަނީ ވީހާވެސް އަވަހަކަށް ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރަން ހުށަހެޅުމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝަރީއަތްނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ދޫކުރަނީ މައްސަލަ ނިމޭތާ 14 ދުވަސް ތެރޭގައެވެ. އަދި މިފެށޭ ހަފްތާ ކުރީކޮޅުގައި ރައީސް ޔާމިނުގެ ޝަރީއަތާ ބެހޭ ރިޕޯޓު އެމަނިކުފާނުގެ ވަކީލުންނާ ހަވާލުކުރެވޭނެކަމަށްވެސް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއްވައެވެ.

އިދިކޮޅު ލީޑަރުންވަނީ މީގެ ކުރިންވެސް، ޔާމިންގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ހޯދުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންފައެވެ. އަދި އެބޭފުޅުންވަނީ، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލއިން، ރައީސް ޔާމީނަށް ހުކުމް ކުރި މަޖިލީހުގެ ލައިވް ރެކޯޑިން ނަގާފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button