ޚަބަރުސިޔާސީ

ފޭކު ޕީއެޗްޑީއެއްކަން ފަޅާއެރުމުން ޒިފްލީނާގެ ނަމުގެ ކުރިޔަށް އޮތް ”ޑޮކްޓަރު“ އުނިކޮށްފި

”ފޭކު“ ޕީއެޗްޑީއެއްކަން ފަޅައިއެރުމުން މިނިސްޓްރީ އޮފް ޖެންޑާ, ފެމިލީ އެންޑް ސީޝަލް ސާވިސާސްގެ ސްޓޭޓް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝާހިދުގެ ހަނގު އަނބިކަނބަލުން ޒިފްލީނާ ހަސަންގެ ނަމުގެ ކުރިއަށް ޑޮކްޓަރު އިތުރުކުރުން އެ މިނިސްޓްރީން ހުއްޓާލައިފިއެވެ.

ލަންކާގައި ހުންނަ އެއިމްސް ކޮލެޖާއި ފިލިފީންސްގެ ކޮލެޖެއް ގުޅިގެން ހިންގި ފެންވަރު ދަށް ޕީއެޗްޑީ ޕްރޮގްރާމެއް ފުރިހަމަކޮށް ޒިފްލީނާވަނީ ސަނަދު ހާސިލްކޮށްފައެވެ. ގިނަ ފަރާތްތަކުން މި ޕްރޮގްރާމާއި މެދުގައި ބުނަނީ މިއީ ފައިސާއަށް ސަނަދު ވިއްކި ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމު ހިންގި ފިލިފީންސްފެ ކޮލެޖުގެ ޕީއެޗްޑީ ޕްރޮގްރާމްތަކަކީ އެ ގައުމުންވެސް ބަލައިގަންނަ ޕްރޮގުރާމްތަކެއް ނޫންކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލްހައްނާން ވަހީދު ވިދާޅުވެފައިވެއެވެ. އަދި ލަންކާގެ އެއިމްސްގައި ފިލިފީންސްގެ އެ ކޮލެޖުގެ ޕީއެޗްޑީ ޕްރޮގުރާމު ފެށުމުން ބައެއް ދިވެހިން އެ ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް, އެ މީހުންނަށް އެ ސަނަދު އެމްކިއުއޭއިން ޤަބޫލުނުކުރާނެކަމަށް އެންގުމާއެކު އެ ޕްރޮގްރާމުގެ ފެންވަރު އެނގުމުން ގިނަ ބަޔަކު އެ ކޯހުގައި ކިޔެވުންވެސް ހުއްޓައިލިކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި މީހުންގެ ތެރެއިން ޕީއެޗްޑީ ހާސިލްކުރި ތިން މީހަކު އެމްކިއުއޭއާ ދެކޮޅަށް ސިވިލް ކޯޓުގައި އުފުލި ދައުވާގެ ސަބަބުން މި މައްސަލަ ފެންމަތިވެފައިވެއެވެ. އަދި އެ ކޯހުގެ ފެންވަރާއި ގުޅޭ ގޮތުން އެމްކިއުއޭއިން އާންމުކޮށް މީޑިއާގައި ވާހަކަދައްކަން ފެށުމުންނެވެ.

މިހެންވުމާއެކުގައި މިނިސްޓަރ ޒިފްލީނާ އަށް މީސްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް މި ޕީއެޗްޑީއާއި އެކު އަމާޒުވާން ފެށިއެވެ. ޒިފްލީނާ ހެއްދެވި ޕީއެޗްޑީއަކީ އެމްކިއުއޭއިން ބަލައިނުގަންނަ ފެންވަރު ދަށް ޕީއެޗްޑީއެއްކަން ހާމަވުމުގެ ކުރިން ޖެންޑާ މިނިސްޓްރީގެ ޓުވީޓުތަކުގައި އޭނާގެ ނަމުގެ ކުރިއަށް ”ޑޮކްޓަރު“ގެ ލަގަބު އިތުރުކުރެއެވެ. އެގޮތުން, މިދިޔަ ނޮވެމްބަރު މަހުގައި އޮތް ކޮންފަރެންސެއްގައި ޒިފްލީނާ ބައިވެރިވެވަޑައިގަތް ހަބަރު އެ މިނިސްޓްރީން ޓުވީޓުކުރައްވާފައިވާއިރު އޭނާގެ ނަމުގެ ކުރިއަށް ޑޮކްޓަރުގެ ލަގަބު އިތުރުކޮށް, އޭނާ އެއިމްސް ކޮލެޖުން ޕީއެޗްޑީ ހާސިލުކުރުމުން އެ މިނިސްޓްރީން މަރުހަބާވެސް ކިޔާފައިވެއެވެ.

އެހެންނަމަވެސް, މި މައްސަލަ ފެންމަތިވެފައިވަނިކޮށް މޯލްޑިވް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބޭއްވި މީޑިއާގައި މިންތީގެ ހަމަހަމަކަމާ ބެހޭ ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި ޒިފްލީނާ އެ ރިޕޯޓު އިފުތިތާހުކޮށްދެއްވި ހަބަރު ޓުވީޓުކުރިއިރު، އެ ޓުވީޓުގައި ޒިފްލީނާގެ ނަމުގެ ކުރިއަށް ޑޮކްޓަރުގެ ލަގަބު ގެނެސްފައިނުވެއެވެ.

މިފެންވަރުގެ މަގާމެއްގައި ސަރުކާރު ތަމްސީލު ކުރަން ހުންނެވި ބޭފުޅަކު, މިހާ ދަށް ފެންވަރުގެ ސަނަދެއް ހޯއްދެވިކަމުގެ ތުހުމަތު ކުރެވުނު ފުރުތަމަ ފަހަރެވެ. މީގެ އިތުރުންވެސް ޒިފްލީނާގެ މައްޗަށް އޭޝިއާ އެވޯޑްސް ނަމުގައި ހިންގާ އެވޯޑު ދޭ ކުންފުންޏަކުން ރުލާ އެވޯޑްސްގެ ނަމުގައި ދިން އެވޯޑުތަކުން ދެ އެވޯޑެއް ބައްލަވައިގަތްކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ހަމަ ޒިފްލީނާގެ މައްޗަށް ތުހުމަތުކޮށްފައެވެ.

މީގެން އެއްވެސް ތުހުމަތެއް ދޮގުކޮށް ޒިފްލީނާ އެއްވެސް ރައްޔިތެއްގެ ސުވާލަކަށް ޖަވާބުދީފައިނުވުމުން އެއީ ހަމަ ފޭކް އެވޯޑް ތަކެއްކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ޒިފްލީނާގެ ފޭކު އެވޯޑުގެ ވާހަކަ ”ބޮންތި“ އިން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button