ޚަބަރުސިޔާސީ

މޯލްޑިވް ގޭހުގެ އެމްޑީ އާއި މެނޭޖުމެންޓުން ޑެލިވަރީ ސްޓާފުންނާއެކު ހިދުމަތަށް ނިކުމެ، އައު އަހަރުގެ ފެށުން ތަފާތުކޮށްލައިފި!

މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ އާއި ސީނިއާ މެނޭޖުމެންޓު މުވައްޒަފުން ޑެލިވަރީގެ ހިދުމަތުގައި އުޅޭ މުވައްޒަފުންނާއެކު އައު އަހަރުގެ ފުރަތަމަ ދުވަހުގެ ޑެލިވަރީގެ ހިދުމަތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ކީރިތި ގުރުއާނުގެ ބަރަކާތުން ހަމައެކަނި ފަށާ ކުންފުނީގެ ހިދުމަތް ކަމުގައިވާ ގޭހުގެ ހިދުމަތް މިއަދު ހެނދުނު ފެށުމުގެ ގޮތުން ކުންފުނީގެ އެމްޑީ ވަނީ މުވައްޒަފުންނާ ބައްދަލު ކުރައްވައި މުހިންމު ނިންމުންތަކެއް ހާމަކުރައްވާފައެވެ.

އެގޮތުން ފެށުނު އަހަރަކީ އައު އަޒުމެއްގައި ގޭހުގެ ހިދުމަތް ފުޅާކޮށް، ހަރުދަނާކޮށް، އައު ގޮތްތަކެއްގެ މައްޗަށް ބިނާ ކޮށްގެން ރައްޔިތުންނަށް ހިދުމަތް ދެވޭ ކުންފުންޏަކަށް ހެދުމަށް މުވައްޒަފުންގެ ކިބައިން އެމްޑީ ވަނީ އެދިވަޑައިގެންފައެވެ. ހާއްސަކޮށް މި އަހަރު، ގޭހުގެ ހިދުމަތުން ނެގޭ އަގަކީ، އާންމުންނަށް ލުއި ފަސޭހަ އަގަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމުގައި އަބްދުﷲ ފާހަގަކުރެއްވިއެވެ.

”މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، މުވައްޒަފުންނާއި ހިދުމަތުގެ ކުރިއެރުމަށް އައު މަސައްކަތްތަކެއް ފަށައި، ސާބިތު ކަމާއެކު މަސައްކަތް ކުރާނެ އަހަރެއްގެ ގޮތުގައި ހެދުމުގެ އަޒުމް އަޅުގަނޑުގެ އެބައޮތް.“ އަބްދުﷲ ވިދާޅުވިއެވެ.

ގޭހުގެ ހިދުމަތަށް 25 އަހަރުވާން ދާއިރު، ތަފާތު ގޮންޖެހުންތަކާއެކު ވޭތުވެދިޔަ ތަނުގައި ހިދުމަތް ދިނުމުގައި ގަދައަޅައި މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުންނަށް އަބްދުﷲ ވަނީ ޝުކުރު ދަންނަވާފައެވެ.

”މާތް ﷲ ގެ ރަހުމަތާއެކު އިރާދަކުރެއްވިއްޔާ މުވައްޒަފުންގެ ހައްގުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ތިޔަ ލޮބުވެތި މުވައްޒަފުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ތަފާތު ވިސްނުންތަކާއި، ތަފާތު ރޭވުންތައް ކުރިއަށް ނެރެފައި.“ އަބްދުﷲ ވިދާޅުވިއެވެ.

އެގޮތުން މިއަހަރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ މުވައްޒަފުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި، އެމައުޟޫގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި މަޝްވަރާކުރެވި، އެކަމުގެ އަމަލީ މަސައްކަތް ފެށިފައިވާކަމުގެ އުފާވެރި ހަބަރު އަބްދުﷲ ދެއްވިއެވެ. އަދި މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އޮނިގަނޑަށް ގެނެވިދާނެ ބަދަލުތަކާއިބެހޭގޮތުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އަބްދުﷲ ވިދާޅުވިއެވެ.

ގޭބިސީތަކަށް ގޭހުގެ ހިދުމަތް ދިނުމުގައި އިތުރަށް މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދުމަށް ސީނިއާ މެނޭޖުމެންޓާއެކު ޑެލިވަރީގެ ހިދުމަތަށް އަބްދުﷲ އަބަދުވެސް ހިދުމަތުގެ މައިދާނުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާނެކަން އަބްދުﷲ ފާހަގަކުރެއްވިއެވެ.

މިއަދު މުޅި ރާއްޖޭގައި ގޭހުގެ ހިދުމަތް ދިނުމުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުންފުނީގެ އެމްޑީ ވެސް ވަނީ، ޓީމާއެކު ޕިކަޕުގައި ގޭބިސީތަކަށް ގޭސް ފުޅި ޑެލިވަރީ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button