ޚަބަރު

ރަޝީދު މަރަށް ތެޅި އާދޭސް ކުރަމުންދިޔައިރު ފުލުހުން ތިބީ ބަލަން: އާއިލާ

އިއްޔެ މެންދުރުގެ ވަގުތެއްގައި ގދ.ހޯނޑެއްދޫ އަބްދުﷲ ރަޝީދު (މާޓީ)، 43 ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައިގައި ފުލުހުންގެ މައްޗަށް ބޮޑެތި ގިނަ ތުހުމަތުތަކެއް އާއިލާއިން ކޮށްފިއެވެ.

އިދިކޮޅުގެ ހަބަރު ގެނެސްދޭ ޗެނަލް 13 ގެ މިރޭގެ 8 ހަބަރަށް ދިން ލައިވް އިންޓަވިއުއެއްގައި ރަޝީދު އާއި ދެބެންގެ ދަރި ކޮއްކޮ އެއް ކަމުގައިވާ އާދަމް ލަރީފް ބުނީ ފުލުހުން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަށް އެރުވީ 15:25 އެހާކަންހާއިރު ކަމުގައެވެ. ލޯންޗަށް އެރުވުމުން މޭގަ ރިއްސާ ކަމުގައި ތަކުރާރުކޮށް އެތަކެއް ފަހަރު ރަޝީދު ބުނަމުންދިޔަ ކަމަށާއި، އެހެން ނަމަވެސް އެކަމަށް އެއްވެސް އިޖާބައެއް ފުލުހުން ނުދޭކަން ލަރީފް ފާހަގަކުރިއެވެ. ރަށުގެ ޒުވާނުން އެ ލޯންޗު ކައިރިއަށް ދިއުމުން ހޯނޑެއްދޫގައި އަލަށް ހަދާ ޖެޓީ ސަރަހައްދަށް ދިޔަ ކަމަށާއި، މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސެއިން ފިރުޝާން އާއި ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް އާއި އެރަށު ސިއްހީ މަރުކަޒުގެ ވެރިޔާ އެތަނަށް ގޮސް ރަޝީދުއަށް ފަރުވާ ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށް ލަރީފް ބުންޏެވެ.

”އެކަމަކުވެސް އެއްވެސް ކަހަލަ ސިގްނަލެއް ފުލުހުންގެ ފަރާތުން ނުފެނުނު. ލޯންޗު ކައިރިއަށް ޑޮކްޓަރު ގެންނަން އެދުމުންވެސް ފުލުހުން ބޭނުމެއް ނުވި. އެމީހުން ބުނަމުން ދިޔައީ ތިއީ މަކަރޭ. ތި ހަދަނީ ހުސް މަކަރޭ. ނީންނާނެ އޭ އިތުރު ޗާންސެއް.“ ލަރީފް ބުންޏެވެ.

ހޯނޑެއްދޫ ޖެޓީއިން ލޯންޗު ނައްޓާލިއިރު، ރަޝީދު ނޭވޭ ލާ ކަމަށާއި، ނެރުން ލޯންޗު ނައްޓާލިތާ ފަސް ވަރަކަށް މިިނިޓް ފަހުން ރަޝީދު ފަހު ނޭވާ ލީކަމަށް އެ ލޯންޗުގައި ހުރި މީހަކު ބުނި ކަމަށާއި، އެފަދަ ހާލަތެއްގައި ގދ.ތިނަދޫއިން ބޭރަށް އެ ލޯންޗު ދަތުރު ކުރި ކަމަށާއި، ތިނަދޫ އާ ވީކޮޅަށް އެ ލޯންޗު ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަން ލަރީފް ފާހަގަކުރިއެވެ. އަދި ރަޝީދު މަރުވުމާ ގުޅިގެން ރަޝީދުގެ އުފަން ރަށް ކަމުގައިވާ ހޯނޑެއްދޫއަށް ނައިސް މަޑަވެއްޔަށް ދާންޖެހޭ ސަބަބެއް ނެތްކަންވެސް އޭނާ ފާހަގަކުރިއެވެ.

މަޑަވެލި ސިއްހީ މަރުކަޒަށް ރަޝީދު ގެންދިޔަ އިރު އޭނާ މަރުވިތާ 30 މިނިޓް ވެފައިވާ ކަމުގައި ލަރީފް ބުންޏެވެ. އަދި 250 ގެ ދެ އިންޖީނު އަޅާފައި އޮތް ލޯންޗަކުން ހޯނޑެއްދޫއިން މަޑަވެއްޔަށް ދާން ނަގާނީ އެންމެ 3 މިނިޓުކަން ލަރީފް ފާހަގަކުރިއެވެ. ރަޝީދުގެ މޭގައި ރިއްސާ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔައިރުވެސް ފުލުހުން އޭނާ ފަރުވާ އަށް ނުގެންދިޔަކަމީ ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

”ފުލުހުންގެ އިހުމާލަކަށް މިކަން ވަނީ ރައްޔިތުންގެ ކުރިމަތީ ޖަހާ މެރުމެއް ނުން. އިހުމާލަކަށްވީ ފަރުވާ ދޭން ޖެހޭ މަރުކަޒަކަށް ނުގެންގޮސް ރަޝީދު ރަށުން ބޭރަށް ގެންދިއުން. އެ ސީންގަ ހުރި ފުލުހުންގެ އިންޗާޖާ އަޅުގަނޑާ ދިމާވި. އޭނާ ބުނީ ހޯނޑެއްދޫއިން އެމްބިއުލާންސެއް ކާރެއް ނުލިބިދާނެތީ ރަޝީދު އެންމެ އަވަހަށް ފަރުވާއެއް ދެވެން އޮތީ މަޑަވެލިން ކަމަށް ވާތީވެ ކަމަށް. ކޮން ފަރުވާއެއްތޯ އަވަހަށް ދެވޭނީ.“ ލަރީފް ބުންޏެވެ.

ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް މާލޭ ގަލޮޅު ސަހަރާގެ މޯޗަރީއަށް ގެނެސްފައިވާއިރު، ލަރީފް ބުނީ ފުލުހުން އަންނަނީ ދޮގު ހަދައި އޮޅުވާލަމުން ކަމުގައެވެ. އޭނާ ބުނީ މިހާރު ބޭނުންވަނީ އަވަހަށް މައްޔިތާގެ ޖަނާޒާގެ ކަންކަން އަވަސް ކުރުމަށް ކަމުގައެވެ.

”ރަޝީދުގެ އަންހެނުންނާއި ކުދިން ތިބީ މާލޭގަ. އާއިލާ މީހުންނަށް މޫނު ދައްކާފަ އާ ސަހަރާއަށް މަސްގަނޑު ދޫކޮށްލަން ބޭނުންވަނީ. އެއީ ފުލުހުންގެ މިލްކިއްޔާތުގައިވާ ފުލުހުންގެ މަސްގަނޑެއް ނޫން. ކުރިން ފުލުހުން ބުނީ މާލެ އައިމަ އަޅުގަނޑުމެން ބޭނުންވާގޮތަށް ކަންކަން ގެންދެވޭނެއޭ. މިހާރު ބުނަނީ ތިމަންނަމެން ބޭނުންވާނަމައޭ މަސްގަނޑު ލިބޭނީ. ލަރީފް ބުންޏެވެ.

އޭނާ ބުނީ ރަޝީދުގެ ހަށިގަނޑަށް އިތުރު އަނިޔާއެއް ދޭން ބޭރަށް ގެންދަން ބޭނުން ނުވާ ކަމުގައެވެ. އަދި މުޅި އާއިލާ މީހުން ރޮއި އާދޭސް ކުރުމުންވެސް ފުލުހުން ގޮތް ދޫ ނުކުރާކަން ލަރީފް ފާހަގަކުރިއެވެ.

މަރުވި ރަޝީދުގެ ކޮއްކޮ އާދަމް ލަރީފް ޗެނަލް 13 އަށް އިންޓަވިއު ދެނީ

ލަރީފް ބުނީ އޭނާ އަކީ އެއްވެސް ކަމެއް ސިޔާސީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމުގައެވެ. އެކަމަކު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ މެންބަރު ރަޝީދުގެ މަރުގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލައިފި ކަމުގައެވެ. އަދި އެގޮތަށް އެކަން ދިމާވި ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ ރަޝީދު އަކީ ފެށުނީއްސުރެ އިދިކޮޅު ޕީޕީއެމްގަ މަސައްކަތް ކުރާ އެ ޕާޓީއަށް އިހުލާސްތެރި މީހަކަށް ވުމުން ކަމުގައެވެ.

”މިއީ ތޯ ރައްޔިތުންގެ ހައްގުގަ ވަކާލާތު ކުރާ ތަނެއްގެ ފެންވަރަކީ. ދެރަ މީހާއަށް ދެރަ ގޮތް މޮޅު މީހާއަށް މޮޅުގޮތް. މާތް ރަސްކަލާނގެ ހަރާން ކުރެއްވި އެތަކެއް ޖަރީމާއެއް ހިންގަމުންދާ ސަރުކާރެއްގެ ތެރޭގައި މަޖިލީހުގަ ކުއްލި މައްސަލަތައް ނަގައިގެން ގެންގޮސްފައި އެބަހުރި. މިއަދު މި މައްސަލައިގައި ވޯޓު ދޭނެ މީހަކު ނުވި.“ ލަރީފް ބުންޏެވެ.

އޭނާ ބުނީ ހައްގުތައް ކަށަވަރު ކޮށްދޭނެ ކަމަށް ބުނެ މަޖިލީހަށް މެންބަރުން އިންތިހާބުވެގެން އައިސް ތަފާތު ކުރުންތައް އިންތިހާއަށް ގެންގުޅޭ ކަމުގައެވެ. އަދި މިރެއިން މިރެއަށްވެސް އާއިލާއިން ބޭނުންވަނީ ރަޝީދުގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދެވޭނެ ގޮތް މަގުފަހިވެގެން ދިޔުން ކަމުގައި އޭނާ ބުންޏެވެ.

ރަޝީދުގެ މަރާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ފުލުހުން އިހުމާލު ވެފައިވާކަން ތަހުގީގަށް ސާބިތުވެއްޖެ ނަމަ އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެއްވެސް ފަސް ޖެހުމެއް ނެތި އަޅުއްވާނެ ކަމުގައެވެ.

އިމްރާން ވިދާޅުވީ އެ މައްސަލަ ހާއްސަ ސަމާލު ކަމެއް ދީގެން ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުންވެސް ބަަލައިދިނުމަށް އެދިވަޑައިގެންފައިވާނެ ކަމުގައެވެ.

ރަޝީދު މަރުވުމާ ގުޅިގެން ހޯނޑެއްދޫ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި އާއިލާގެ މިވަގުތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަޝީދުގެ ހަށިގަނޑު ފުލުހުން ނުދީ ހިފަހައްޓައިގެން އުޅުމެވެ.

2 Comments

  1. ﷲއަށްޓަކައި ޢިމްރާން އިސްތިއުފާދެއްވާ އަނިޔާވެރިއެއް ތީ ބޮޑު ފިނޑއެއް ތީ މަގާމުގެ ދަހިވެތިކަމުގަ ދުނިޔޭގަ އުޅޭމީހެއް

Leave a Reply

Your email address will not be published. Required fields are marked *

Back to top button