މާތް ބަޔަކަށް ހެދިގެން ސަރުކާރާ ދެކޮޅުކަން ދެއްކުމަށް މަސައްކަތް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އީވާ އަބްދު އަށް ޕީޕީއެމްގެ ސެނެޓަރ އިބްރާހީމް ސަނާހު އިލްތިމާސް ކުރައްވައިފިއެވެ.
ސަނާހު މިފަދަ އިލްތިމާސެއް ކުރެއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ވަކި ކުރުމުގެ މައްސަލައިގައި ސަރުކާރުން މޮރިޝަސް ކޮޅަށް ތާއީދު ކުރުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށް އީވާ ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. ސަނާހު ވިދާޅުވީ އީވާ ކުރައްވާ ކަމަކީ ސަރުކާރުން ކުރާ ހުރިހާ ވައްކަމާއި ކޮރަޕްޝަނުން ބައިނަގަގެން މާ މާތްބަޔަކަށް ހެދިގެން ތިބެ ސަރުކާރާ ދެކޮޅުކަމަށް ދައްކަން ރާވައިގެން ސަރުކާރަށް އެއްޗެހި ގޮވުން ކަމުގައެވެ.
ތިކުރާކަމަކީ ސަރުކާރުން ކުރާ ހުރިހާ ވައްކަމާއި ކޮރަޕްޝަނުން ބައިނަގަގެން މާމާތްބަޔަކަށް ހެދިގެން ތިބެ ސަރުކާރާ ދެކޮޅުކަމަށް ދައްކަން ރާވައިގެން ސަރުކާރަށް އެއްޗެތިގޮވުން. @evattey pic.twitter.com/Xb7qK12N8v
— sAnTo 🇲🇻 (@Santo3959) October 24, 2022
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް ”ބޮންތި“ އިން ސަނާހު އަށް ގުޅުމުން ވިދާޅުވީ އީވާ އަކީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފ އަތޮޅަށް ގެންނަން އުޅުނު ބިޔަ އިންވެސްޓްމެންޓް ހުއްޓުވަން ފ އަތޮޅު ވިއްކާލަނީ ކަމަށް ވިދާޅުވެ އަޑުގަދަ ކުރެއްވި ބޭފުޅެއް ކަމުގައެވެ.
”އެއީވެސް މަކަރުވެރި ކަމުން ކުރި ކަމެއް. ދެން މިހާރު ތިމަންނާމެންނަކީ ފ އަތޮޅު ވިއްކާލުމާ ދެކޮޅު މީހުނޭ ކިޔާނެ ކަމެއް ނެތް. ބަލަ ފ އަތޮޅެއް ނުވިއްކައޭ. އެއްޗެއް ވިއްކާފަ އޮތިއްޔާ ވިއްކާލީ މި ބައިގަނޑު. ރާއްޖެ އިންޑިއާ އަށް ވިއްކައިފި. ރާއްޖޭގެ ކަނޑު މޮރިޝަސް އަށް ވިއްކައިފި.“ ސަނާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އީވާގެ ފިރިކަލުންގެ ކުންފުނިން ހިޔާ މަޝްރޫއުގެ ލިފްޓުގެ މެއިންޓެނެސް މަސައްކަތް ކުރުމުގެ ނަމުގައި އެތަނަށް އިހުމާލުވެފައިވާ ކަމުގައެވެ. އަދި ބައި އެޅިގެން ފައިސާ ލިބޭނަމަ އީވާއަށްވެސް ހިޔާ ފްލެޓްތައް ހަމަ އޯކޭ ކަމަށް ސަނާހު ވިދާޅުވިއެވެ.