ޚަބަރުސިޔާސީ

ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނަށް ނެއްލައިދޫއިން ކިޔާލީ ތަފާތު މަރުހަބާއެއް!!

ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނެއްލައިދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ތަފާތު މަރުހަބާއެއް ކިޔައިފިއެވެ.

އެއްވެސް ވެރިކަމެއްގައި ރާއްޖޭގެ ރަށެއްގައި، ސަރުކާރުގެ އިސްވެރިންނަށް މިވަރުގެ ފުރިހަމަ މެހެމާންދާރީއެއް ދިންތަން މި ފެނުނީ ފުރަތަމަ ފަހަރަށެވެ. ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމްގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުންގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނެލައިދުއަށް ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. މި ދަތުރުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެގޮތުން މަރުހަބާ ބެނާގައިވަނީ ”ޓޫރިޒަމް ނެތް ހދ.އަށް މަރުޙަބާ!“ މިގޮތަށެވެ. އަދި ހަރުކޮށްފައިވާ އެއްބެނާގައިވަނީ ”ޓޫރިޒަމަށް 50 އަހަރު ހދ އަށް އަންނަ އަހަރު!“ ކަމަށެވެ. އަދި މިއީ ހދ.އަށް ހައްގު މިންވަރުތޯ ވެސް ލިޔެފައެވެ.

ދެން ވަނީ މި ސަރުކާރުން ވައުދުވެ ފުއްދަ ދީފައި ނުވާ ވައުދު ތަކެވެ. އޭގެ ތެރޭގައި ކެނޯއެއްގައި ”ރިސޯޓު ނައިޓް ފެރީ“ ޖަހައިގެން މިނިސްޓަރ އަށް ފެރީ ދައްކާލާފައިވެއެވެ. އަދި އެހެން ޕޯސްޓަރެއްގައިވަނީ ”ކޮންމެ ރެއަކު ރަށަށް އަންނާތީ އަނބިމީހާއަށް އުނދަގޫވެއްޖެ“ ކަމަށެވެ.

މީގެ އިތުރަށް ސަރުކާރުން ހދ.ގެ ބައެއް ރަށްތަކުގައި ރިސޯޓު ހަދަން އިއުލާންކޮށްފައިވާ ރަށްތަކުގެ ”ރިސެޕްޝަން“ ވެސް ބަނދަރުމަތީގައި ހުއްޓެވެ. ހޮނޑައިދޫ އައިލެންޑް ރިސޯޓް ހިންގާ ”ތްރީއޭ ކުންފުންޏަށް ބަލަދު ނާރާނެ ވެރިކަމެއް ބޭނުން“ ކަމަށްވެސް ބެނާގައި ލިޔެފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި ފަހަކުންވެސް ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީ ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ވެރިކަމަށް 4 އަހަރު ވާން ކައިރިވެފައިވާއިރުވެސް އެ ވައުދުތައް ފުއްދަވައި ނުދެއްވޭއިރު، މިއީ ވާނެ ކަމެއްކަމަކަށް ބައެއް މީހުން ގަބޫލެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button