ޚަބަރު

39 ރިސޯޓަކުން އަދިވެސް ބިމު ކުލި ނުދައްކާ

ވޭތުވެދިޔަ އަހަރު 39 ރިސޯޓަކުން ބިމު ކުލި ދައްކާފައި ނުވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ސިނާން މިއަދު ވިދާޅުވީ، ދައުލަތަށް ރިސޯޓުތަކުން ދައްކަންޖެހޭ ފީތައް އަހަރުން އަހަރަށް އިތުރުވަމުންދާ މިންވަރު އެމިނިސްޓްރީއިން ބަލަމުން ކަމަށާއި، އެގޮތުން އަހަރުން އަހަރަށް ފީތައް ނުދައްކާ ރިސޯޓުތަކަށް ނޯޓިސް ދީ، ފީތައް ދެއްކުމަށް މުހުލަތު ދެމުން ގެންދާ ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރު ނިމުނު އިރުވެސް 39 ރިސޯޓަކުން ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސަރުކާރަށް ދައްކާފައި ނުވާކަމަށާއި އަދި އެކަމާ ގުޅިގެން ނަގަންޖެހޭ ފިޔަވަޅުތައް ކުރިއަށް ނަގަމުންދާކަމަށް ސިނާން ވިދާޅުވިއެވެ.

ފީތައް ދެއްކުމުގައި ރިސޯޓުތަކުން  އިހުމާލުވެފައިވާއިރު، ދައުލަތައް ނުލިބި އޮތް ފައިސާ އަކާއި އެ ރިސޯޓުތަކުގެ ތަފްސީލު ހާމައެއް ނުކުރެއެވެ. ރިސޯޓު ކުލި ނުދައްކައިގެން ނަގާ ޖޫރިމަނާގެ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 21.7 ބިލިއަން ރުފިޔާއަށް އަރާކަމަށާއި، އެހެން ނަމަވެސް 2021 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 16 މިލިއަން ރުފިޔާއަށް ބަދަލުވެފައިވާ ކަމަށް މީރާ އިން މި ދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައިވެއެވެ.

ސަރުކާރުން 2020 ވަނަ އަހަރު ރިސޯޓު ކުލި ނެގުމުގެ ގަވައިދަށް ގެންނަވާފައިވާ އިސްލާހުގެ ދަށުން ރިސޯޓު ކުލި ނުދެއްކުމުން ޖޫރިމަނާކުރާ ނިސްބަތް ކުޑަކުރަން ނިންމައި، އެ ނިންމުން 2019 ވަނަ އަހަރުން ފެށިގެން ތަންފީޒުވާ ގޮތަށް ކަނޑައެޅިފައިވާއިރުވެސް, ގިނަ ރިސޯޓު ތަކަކުން ބިމު ކުލި ނުދައްކާ އޮތްކަން ފާހަގަވެއެވެ. އަދި ސަރުކާރުންދަނީ މިގޮތަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުވެސް ކޮށްދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button