ޚަބަރު

ހުރަވީ ބިލްޑިންގ ހުރި ބިމުގައި ބޮޑު ޕާކިން ޒޯނެއް

ހުރަވީ ބިލްޑިންގ ހުރި ބިމުގައި 226 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއް  ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާކިންގ ޒޯނުގައި 226 ސައިކަލު ޕާކު ކުރެވޭނެ ކަމުގައެވެ.
މި ޕާކިން ޒޯނު ހަދަނީ މީހުންނަށް އިށީންދެލައިގެންވެސް ތިބެވޭ ގޮތަށެވެ. އަދި މި ސަރަހައްދުގެ ލޭންޑް ސްކޭޕިން ރަނގަޅުކޮށް ޕާކިން ޒޯނު ނިމޭއިރު ހުރަވީ ބިލްޑިންގއާ ހުކުރު މިސްކިތާއި ދެމެދު މިހާރު އޮތް މަގަށް ދޮންވެލި ލާގޮތަށްވެސް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން މި ޕާކިން ޒޯނުގައި މުޅިތަނަށް އަލިވާނެހެން އައުޓް ޑޯ ލައިޓިންގ ހަރުކޮށް އަދި ގަސް ބުރުތަކުގައި ގަސް އިންދައި، ރީތި ކުރުމަށް ވަނީ ހަމަޖެހި ފައެވެ.
މި ސަރަހައްދަކީ އަދިވެސް ސަރުކާރުގެ ގިނަ އޮފީސްތަކެއް ކުރި ހިސާބެއް ކަމުން މި ޕާކިން ޒޯންގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެގޮތުން އައިޑީކާޑު އަދި ޕާސްޕޯޓް ފަދަ ކޮންމެހެން ބޭނުންވާ ހިދުމަތްތައް ހޯދުމަށް ވެލާނާގެއަށް ދާ ފަރާތްތަކަށް ޕާކު ކުރުމަށް މިހާރު ދިމާވާ ގިނަ ދަތިތަކަށް ލުޔެއް ލިބޭނެ އެވެ.
ހުރަވީ ބިލްޑިންގ އަކީ މި ފަހަކާ ޖެހެންދެން ސަރުކާރުގެ މުހިންމު އޮފީސްތަކެއް، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިންގި އިމާރާތެކެވެ. އެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ، އެޓަރނީ ޖެނެރަލްގެ އޮފީހާއި، އައިޑީކާޑު ޔުނިޓާ، އެންޓި-ކޮރަޕްޝަން ކޮމިޝަން ހިމެނެއެވެ. ނަމަވެސް އިމާރާތް ބާވެ، ކޮންކްރީޓް ސީޓުތަކުން ބައެއް ވެއްޓެން ފެށެމުން އެ އިމާރާތް ހުސްކޮށް ވަނީ ތަޅާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button