ޚަބަރު

ދީނީ އިލްމުވެރިޔާ ޔޫސުފް އަލް ގަރްޟާވީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު މުޅި ރާއްޖޭގައި ކޮށްފި

މިސްރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔޫސުފް އަލް ގަރްޟާވީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޮށްފިއެވެ.

ޑރ. ޔޫސުފް އަލް ޤަރްޟާވީ އަވަހާރަވީ މިދިޔަ ހޯމަދުވަހުއެވެެ. ގަރްޟާވީ އަވަހާރަވީ އިރު އުމުރުފުޅަކީ 96 އަހަރުފުޅު ގައެވެ. ގަރްޟާވީ އަވަހާރަވީ ގަތަރަށެވެ. 2013 ވަނަ އަހަރުން ފެށިގެން ގަރްޟާވީ ދިރިއުޅުއްވަމުން ގެންދެވީ ގަތަރުގައެވެ.

އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ މިއަދުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރު ކުރާ މިސްކިތްތަކުގައި ހުކުރު ނަމާދަށްފަހު ގަރްޟާވީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުކުރު ކުރާ މިސްކިތްތަކުގައި މި ނަމާދުކުރެވޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އެއާ އެއްގޮތަށް މި ކަށު ނަމާދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކޮށްފައެވެ.

ޑރ. ޔޫސުފް އަލް ޤަރްޟާވީ އިސްލާމް ދީނަށާއި މުސްލިމުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 80 ވަރަކަށް އަހަރު ވަނީ ވެފައެވެ. ޤަރްޟާވީ އަކީ ދޯހާގައި ގާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާރސް ގެ ވެރިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button