ޚަބަރުސިޔާސީ

5 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ގޯތި ހަދަން ބޭނުންވާ ފައިސާ ހަމަޖައްސަދޭނަން: ރައީސް

%5 އަށްވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި، ގެދޮރު އެޅުމަށާ، ގެދޮރު މަރާމާތު ކުރުމަށާ، ފްލެޓް ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ފަހަރަކު ގޯތި ހޯދަން ކުރިމަތިލާން ރައްޔިތުންނަށް ޖެހޭ ތަކްލީފް ކުޑަކޮށްދިނުމަށްޓަކައި، ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓްރީއާ ހާލަތު އަބަދުވެސް އަދާހަމަވަމުންދާ ޕޯޓަލްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމުގައެވެ.

”ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކުގެ ރަޖިސްޓްރީތައް އަދި، ފަޅުތެރެއިން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ވަގުތީ ލިޔުން ވަނީ ހަދާ ނިމިފައި. އެ ރަޖިސްޓްރީތަކާއި ލިޔުންތަކާއި ހަވާލުވުމަށް ވަނީ ފުރުސަތު ހުޅުވާލެވިފައި. އަޅުގަނޑު އުންމީދުކުރަނީ ގޯތި ލިބިލެއްވި ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަކަށް މި ރަޖިސްޓްރީ ނުވަތަ ލިޔުމާއި ހަވާލުވެވަޑައިގަތުން.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގައުމު އާބާދުކޮށް، ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއްއޮތް ކަމަކަށް ހެދުމަށްޓަކައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން 20 އަހަރުދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މިއަހަރު އެކުލަވައިލައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރާނީ ރަށްރަށުގެ އާއިލާތަކާ ހަމައިން، ވީހައި ގިނަ ރައްޔިތުންގެ ހިޔާލު ހޯދައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމުގެ ޖާގަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button