ޚަބަރު

ޑިޕާޗަރ ޓެކްސްގެ ގޮތުގައި ދައުލަތަށް 500 މިލިއަންވުރެ ގިނަ ރުފިޔާ

މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ޑިޕާޗަރ ޓެކްސްގެ ގޮތުގައި 519 މިލިއަންވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ފުރަތަމަ 8 މަސްދުވަހު ޑިޕާޗަރ ޓެކްސްގެ ގޮތުގައި 519،766،386 (ފައްސަތޭކަ ނަވާރަ މިލިއަން ހަތްލައްކަ ފަސްދޮޅަސް ހަހާސް ތިންސަތޭކަ އަށްޑިހަ ހައެއް) ރުފިޔާވަނީ ލިބިފައިވާކަމަށް މީރާގެ ތަފާތު ހިސާބު ތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 256،580،780 (ދުއިސައްތަ ފަންސާސް ހަ މިލިއަން ފަސްލައްކަ އަށްޑިހަ ހާސް ހަތްސަތޭކަ އަށްޑިހަ) ރުފިޔާއެވެ. އެހެންކަމުން މިއީ 2 ގުނަ އިތުރުވުމެކެވެ.

ދައުލަތުގެ ޓެކްސް މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 11 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މީގެތެރެއިން %3.4 އަކީ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ޑިޕާޗަރ ޓެކްސް ގޮތުގައި އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގަނީ  12 ޑޮލަރެވެ. އަދި އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާނީ 60 ޑޮލަރެވެ. އަދި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގަނީ 90 ޑޮލަރެވެ. ހަމައެއާއިއެކު 120ޑޮލަރު  ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނެއެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގާނެއެވެ.

ރާއްޖޭގެ އެއަރޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނު ކުރިން އޮތް ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ދިވެއްސެއްގެ އަތުން ނަގަނީ 12 ޑޮލަރެވެ. އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. އެހެންނަމަވެސް ޑިޕާޗަރ ޓެކްސް ނަގަން ފެށުމާއިއެކު ޓެކްސް ނަގަނީ އެމީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގައެވެ

ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މި ބިލް ތަސްދީގުކުރެއްވުމުން އެއަރޕޯޓް ސަރވިސް ޗާޖު އުވި ޑިޕާޗަރ ޓެކްސް ވަނީ ނަގަންފަށާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button