އެެތެރޭގެ ވައިގެ ދަތުރު ތަކުގައި ވިލާ އެއާއިން އާސަންދައަށް އެއްބާރުލުން ދެނީ
ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގައި އާސަންދަޔަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އާސަންދަ ސްކީމްއިން ދޭ ހިދުމަތްތަކަށް، ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އެއްބާރުލުމާއި އެހީތެރިކަން ވިލާ އެއާ އިން އާސަންދަ ކުންފުންޏަށް ދޭނެ އެވެ.
އާސަންދަ ކުންފުނިން ފާހަގަކުރާގޮތުގައި ކުއްލި ހާލަތުގައި ބަލިމީހުން ވައިގެ މަގުން ގެންދިއުމުގައި މި އެއްބަސްވުމުގެ ސަބަބުން އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެއިތުރުންވެސް ވިލާ އެއާގެ ފްލައިޓްތައް ދަތުރުކުރާ އެއާޕޯޓްތައް ހުންނަ ރަށްރަށުގެ ރައްޔިތުންނާއި, އެ ރަށްރަށުގެ ކައިރީގައި ހުންނަ ރަށްތަކުގެ ރައްޔިތުންނަށްވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
އާސަންދަ ކުންފުނީގެ ފަރާތުން މިއެއްބަސް ވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގެވެ. އަފި ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދު ނާޝިދުއެވެ.
ވިލާ އެއާގެ ފްލައިމީ އިން އެތެރޭގެ އުދުހުނަތައް ފަށާފައިވަނީ އޮކްޓޫބަރު 1، 2011 ގައެވެ. ވިލާ އެއާގެ ދަތުރުތަކުގައި ބޭނުންކުރަނީ އޭޓީއާރް 500-72 މަރުކާގެ ފްލައިޓެވެ. ވިލާ އެއާއިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިއްޔާއި ބ. ދަރަވަންދޫ ހިމެނެ އެވެ.އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށްވެސް މީގެ ކުރިން ވިލާއެއާއިން ދަތުރުކޮށްފައިވެއެވެ.