
ހޯމް މިނިސްޓަރު އިމްރާން ރައްޔިތުން ކުރިމަތީ ތައުބާވާން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ލ. ގަމުގައި ކުރިއަށްދިޔަ ”ވިއަވަތި“ ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ ވެރިކަން ކުރެއްވި ސިފަތައް ކަމުގައި ވިދާޅުވުމާއި ގުޅިގެންނެވެ.
އިމްރާން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަނީ ކީރިތި ޤުރުއާންގައި ބަޔާންކުރައްވާފައިވާ ފަދަ ހެޔޮ ވެރިކަމެއްކަމަށާއި، ރައީސް ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ ވެރިކަން ކުރެއްވި ސިފަތައް ކަމުގައެވެ.
އިމްރާން ގެ ވާހަކަތަކަށް ރައްދު ދެެއްވަމުން ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ރަސޫލާ އަކީ އަޝްރަފުލް މަޚްލޫޤާތު ކަމަށާއި، ބަނގުރަލުގެ ޙުކުމް އައިސްފައިތިބި އަދި ދީނުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާ އެކަލޭނގެފާނާ މުޤާރަނާ ކުރުން އުޅުމަކީ ކުފުރުގެ ޢަމަލެއް ކަމަށެވެ.
ކީރިތި ރަސޫލާ އަކީ އަޝްރަފުލް މަޚްލޫޤާތު. ބަނގުރަލުގެ ޙުކުމް އައިސްފައިތިބި އަދި ދީނުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާ އެކަލޭނގެފާނާ މުޤާރަނާ ކުރުން އުޅުމަކީ ކުފުރުގެ ޢަމަލެއް. ޢިމްރާން ރައްޔިތުން ކުރިމަތީ ތައުބާވާން ގޮވާލަން. pic.twitter.com/nq3F3PbEiZ
— Mohamed Jameel Ahmed (@MJameelAhmed) September 12, 2022
މިއާއިއެކު ޑރ. ޖަމީލް ވަނީ މިނިސްޓަރު އިމްރާން ރައްޔިތުން ކުރިމަތީ ތައުބާ ވުމަށް ގޮވާލައްވާފައެވެ.
ޑރ. ޖަމީލްގެ އިތުރުން ބައެއް ދީނީ ޢިލްމުވެރިންވެސް ދަނީ އިމްރާންގެ މިވާހަކަތަކަކީ ކުރުފުގެ ބަސްތަކެއް ކަމުގައި ބުނެ އިމްރާނަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ.