ޚަބަރު

ޝިއާއުގެ ގާތިލް ކަމަށް ތުހުމަތު ކުރާ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި

ހ.ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާގައި މަރާލާފައި އޮއްވާ ރޭ ފެނުނު ފުވައްމުލައް ސިޓީ، މާލެގަން, ކުރި, ޝިއާއު މުހައްމަދު ސައީދު، 22 ގެ ގާތިލް ކަމަށް ފުލުހުން ތުހުމަތު ކުރާ ފ.ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 23 ސީން އިން ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ބިލްޑިންގް ގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުން ބުނީ ތުހުމަތު ކުރެވޭ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، ޝިއާއު މަރާލަން ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ތަހުގީގަށް ހޯދިފައިވާ ކަމުގައެވެ. އެކަމަކު އެއީ ކޮން ހަތިޔާރުތަކެއް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެ ދެމީހުންނަކީ ދެމަފިރިން ނޫންކަމުގައެވެ. އެކަމަކު އެ ދެމީހުންގެ މެދުގައި އޮތީ ކޮން ގުޅުމެއްކަން ހާމައެއް ނުކުރެއެވެ. އަދި ޝިއާއުއަށް ލިބުނު އަނިޔާގެ ތަފްސީލްވެސް އާއިލާގެ އެދުމުގެ މަތިން ހާމަނުކުރާ ގޮތަށް ފުލުހުން ވަނީ ނިންމާފައެވެ.

”މިވަގުތު ތުހުމަތު ކުރަނީ ޝާހިލް އަށް އެކަނި. އޭނާގެ ކުށުގެ ރިކޯޑެއް ނެތް.“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ޝިއާއުގެ ކޯޒް އޮފް ޑެތް ނުވަތަ މަރުވިގޮތް ދެނެގަތުމަށް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ.

އިތުބާރު ހުރި މަސްދަރަކުން “ބޮންތި” އަށް ކަށަވަރުވެފައިވާ ގޮތުގައި ޝިއާއުގެ ކަރާއި އަތް ފައި ވަނީ ބުރިކޮށްލާފައެވެ. ޝިއާއުގެ ހަށިގަނޑު އޮތް އެޕާޓުމެންޓުގެ ތެރެއިން ދެ ބޮޑީ ބޭގު ފުލުހުން ވަނީ އެންބިއުލާންސަށް އަރުވާފައެވެ.

ސްކޭޓް ކުރުމުން ސަމާލުކަން ހޯދާފައިވާ ޝާހިލް ހައްޔަރު ކުރީ ސީންގެ ތެރެއިން ކަމަށްވާއިރު، އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ހަޒްމަޓް ސޫޓެއް ލައްވައިގެން ފުލުހުންގެ ކާރެއްގައެވެ. ޝިއާއުގެ ހަށިގަނޑު އޮތީވެސް ޝާހިލް ދިރިއުޅޭ އެޕާޓްމެންޓުގައެވެ. އަދި ފުލުހުން ދިޔައިރު އޭނާ ހުރީ އެގޭ ތިރީގައި ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ޝިއާއު އަކީ ބަރިސްޓާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ، ސޯލޯ މިއުޒިޝަނެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button