ޚަބަރުސިޔާސީ

މާލޭގެ މޭޔަރުގެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް އޮތް ތިން ދުވަސް ތެރޭ ބާއްވަނީ

މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުކޮށްފައިވާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް އޮތް ތިން ދުވަސް ތެރޭ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.

މާލޭ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް މިދިޔަ އަހަަރުގެ ނޮވެންބަރު 17ގައި އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ އާޒިމެވެ. އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާޒިމް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު ކުރިއަށް އޮތް ތިން ދުވަސް ތެރޭ ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒުލްފާ ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މޭޔަރު ބައި-އިލެކްޝަނުގެ ދާއިމީ ނަތީޖާ ލިބުމާ އެކު، ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.

ޒުލްފާ ވިދާޅުވި ގޮތުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމުގައެވެ. މި ރަސްމިޔާތު ބާއްވަން ނިންމާފައިވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގައެވެ.

”ކުރިއަށް އޮތް ތިން ދުވަސް ތެރޭ ރަސްމިއްޔާތު ބޭއްވޭނެ ކަމަށް މި ލަފާކުރަނީ. ފަހަރެއްގައި އެއަށް ވުރެ އެއް ދުވަސް ލަސް ވެސް ވެދާނެ. އެކަމަކު އަޅުގަނޑުމެން އުންމީދު މި ކުރަނީ ދެތިން ދުވަސް ތެރޭ ހުވާ ކުރުމުގެ ކަންކަން ނިންމާލެވޭނެ ކަމަށް،“ އަދި ވަކި ތާރީހެއް ފައިނަލް ނުކުރެވޭކަން ފާހަގަކުރައްވާ ޒުލްފާ ވިދާޅުވިއެވެ.

’ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު’ގައިވާ ގޮތުން، ކައުންސިލުގެ މޭޔަރު ނުވަތަ ނައިބު މޭޔަރު މަގާމުން އިސްތިއުފާ ދީފިނަމަ، އެ މަގާމެއް ހުސްވާ ތާރީހުން ފެށިގެން ގިނަވެގެން އެއް މަސް ދުވަހުގެ ތެރޭގައި، އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބުކޮށްފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާ ބެހޭ ގޮތުން މަޝްވަރާކޮށްގެން ނުވާނެއެވެ.

އާޒިމް މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޒިމާ ޝަކޫރާ ވާދަކުރައްވައި 2000އެއްހާ ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

މޭޔަރުގެ މަގާމަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަކީ؛ އާޒިމަށް 7621 ވޯޓު، އާޒިމާއަށް 5031 ވޯޓު، މުހައްމަދު ސައިފް ފާތިހަށް 2،343 ވޯޓު، ހުސެއިން ވަހީދަށް 1،888 ވޯޓު، އަދި ޝުއިބު އަލީއަށް 125 ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button