ޚަބަރުސިޔާސީ

’އާބަންކޯ’ގެ ނަމަށް ރީ-ބްރޭންޑް ކޮށްފައިވާ އެޗްޑީސީގެ ނަން އަލުން ބޭނުންކުރަން ނިންމައިފ

މިދިޔަ ސަރުކާރުން ’އާބަންކޯ’ގެ ނަމަށް ރީ-ބްރޭންޑް ކޮށްފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން އަލުން ބޭނުންކުރަން ނިންމައިފިއެވެ.

އެޗްޑީސީގެ ބްރޭންޑު އާބަންކޯއަށް ބަދަލުކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހު، 1 އޭޕްރީލް 2023ގައެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ ބްރޭންޑް ’އާބަންކޯ’އަށް ބަދަލުކުރަން ނިންމީ، ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ގޮތުގައި މަސައްކަތްތައް ބައްޓަން ކުރަން ކަމަށެވެ.

އެޗްޑީސީއިން އާބަންކޯ ބްރޭންޑު އިފްތިތާހު ކުރިއިރު، މުވައްޒަފުންގެ ޔުނީފޯމަށް ވެސް ބަދަލު ގެނެސް، ކުންފުނީގެ މައި އޮފީހާއި އުޅަނދުތަކުގެ ޑިޒައިނަށް ވެސް ބަދަލު ގެނައެވެ. ނަމަވެސް، ’އާބަންކޯ’ގެ ބްރޭންޑިންގެ ބަދަލުގައި އަލުން އެޗްޑީސީގެ ނަން ބޭނުންކުރަން ނިންމައި އެ މަސައްކަތް މިހާރު ފަށާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެގޮތުން، އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް އެޗްޑީސީގެ ނަން ބޭނުން ކުރަން ފަށާނެކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ އެއްޗެއް އެޗްޑީސީގެ ނަމަށް ބަދަލު ކުރާނެ ކަމަށްވެއެވެ.

އާބަންކޯގެ ބަދަލުގައި ކުންފުނީގެ ނަމަށް އެޗްޑީސީ ބޭނުންކުރާނެ ކަމުގެ އިޝާރާތެއް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ  ދެއްވާފައެވެ. ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގައި އެޗްޑީސީއިން އާބަންކޯ ބްރޭންޑިން އިފްތިތާހުކޮށް، އެ މަސައްކަތް ކުރިއިރު އެ ކަމުގައި ގާނޫނީ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.

”މަތިމަތިން ’ސުޕަފިޝަލް‘ ގޮތަކަށް ނަން ބަދަލުކޮށްލާފައި އޮތަސް، ގާނޫނީ އެއްވެސް ކަމެއް ކޮށްފައެއް ނެތް އާބަންކޯ ކިޔާކަށް. ގާނޫނީ ގޮތުން ކުންފުންނަށް ކިޔަނީ އެޗްޑީސީ. އެއްވެސް ބަދަލެއް ނެތް ގެނެސްފައެއް، މިދިޔަ ސަރުކާރުން އެ ނަން ބަދަލުކޮށްލިއިރު،“ ރައީސް ވިދާޅުވެފައިވެއެވެ.

”އެ ނަން ބަދަލުކޮށްލިއިރު، ބޮޑަށް ހީވަނީ ކޮންމެވެސް ފަރާތަކަށް ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލާފައި އޮތީ ކަމަށް. ގާނޫނީ އެއްވެސް ކަމެއް ނެތް ކޮށްފައެއް.“ ރައީސް ވިދާޅުވެފައިވެއެވެ.

އެޗްޑީސީއަކީ އެންމެ ފުރަތަމަ ރައީސް އޮފީހުގައި ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓްގެ ނަމުގައި ހިންގި ތަނެކެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހި ހިއްކައި، އެތަނުގައި ފުރަތަމަ ފްލެޓްތަކާއި އިމާރާތްތައް އަޅަން ފެށުމާ އެކު، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި 2001 ގައި ވަކި ކުންފުންޏެއް އުފެއްދިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ނަން ބަދަލުކުރީ، 2008ގައި ވެރިކަމާ ހަވާލުވި އެމްޑީޕީގެ ސަރުކާރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button