ޖުލައިމަހުގެ ބޮޑު ބަންދާއި އެކު، މާލެ ސިޓީގެ އެކި ދާއިރާތަކަށް މޭޔަރާއި ކައުންސިލަރުން ކުރި ޒިޔާރާތްތައް ކުޑަ މެދު ކެނޑުމަކަށް ފަހު އަނެއްކާވެސް ފަށައިފިއެވެ.
މި އޯގަސްޓް މަހުގެ ތެރޭގައި 4 ދާއިރާއެއްގެ ރައްޔިތުން ގާތަށް ވަނީ ޒިޔާރާތް ކުރައްވާފައެވެ.
އެގޮތުން މާފަންނު މެދު ދާއިރާ، މާފަންނު ދެކުނު ދާއިރާ،އަދި މައްޗަންގޮޅި ދެކުނު ދާއިރާ ގެ އިތުރުން މެދު ހެންވޭރުގެ ދާއިރާ ރައްޔިތުންގެ ގާތަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ދާއިރާތަކަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ކައުންސިލް އިންތިޚާބުގައި މޭޔަރު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ. އަދި ރައްޔިތުން ގާތަށް ގޮސް ޙާލަތު ބައްލަވާ، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާ، ކައުންސިލުން ހައްލުކުރެވެން ހުރި ކަން ކަން ފާހަގަ ކުރައްވާ މޭޔަރު މުޢިއްޒު އާއި ދާއިރާގެ ކައުންސިލަރުން ގުޅިގެން އެކަންތައްތައް ދަނީ ހައްލުކޮށްދެއްވަމުންނެވެ.