ޚަބަރު

ގާދިއްފުށީ ކައުންސިލްގެ އިދާރާއަށް އެމްޑީޕީ އެކްޓިވިސްޓުންތަކެއް ވަދެގަނެފި

ގާދިއްފުށީ ކައުންސިލްގެ އިދާރާއަށް އެމްޑީޕީ އެކްޓިވިސްޓުންތަކެއް ގަދަކަމުން ވަދެގަނެފިއެވެ.

މިކަން އިތުބާރު ހުރި މަސްދަރަކުން ވަނީ ”ބޮންތި“ އަށް ކަށަވަރުވެފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ”ބޮންތި“ އަށް މައުލޫމާތުދިން މީހަކު ބުނިގޮތުގައި އެމްޑީޕީ އެކްޓިވިސްޓުންތަކެއް ގާދިއްފުށީގެ ކައުންސިލް އިދާރާއަށް ވަދެފައިވަނީ ހެނދު 11 ޖެހިހާއިރު ކަމަށާއި އެމީހުންގެ ”ޑިމާންޑަކަށް“ ވެފައިވަނީ ރަށުގައި ވަގުތުން ވަގުތަށް ޔޫތްސެންޓަރެއް އެޅުމަށް ކަމުގައެވެ. އަދި ވަގުތުން ވަގުތަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ސާމާނު ރަށަށް ގެނެސްދިނުމަށް ވެސް އެމީހުން ޑިމާންޑު ކުރިކަމުގައި މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާއި ގުޅިގެން އޮންލައިން ނޫހެއް ކަމުގައިވާ ”ރަސްއޮންލައިން“ ގައި ޝާއިއު ކޮށްފައިވާ ލިޔުމަކާއި ގުޅިގެން ”ބޮންތި“ އިން ކުރި މަސައްކަތުން އެރަށުގެ ކައުންސިލްގެ ރައީސް އަދި ނައިބް ރައީސާއި ފޯނުން ގުޅުނެވެ.

”އެބޭފުޅުން އޮފީހަށް ވަންގޮތަށް އެދުނީ ވަގުތުން ވަގުތަށް ރަށުގައި ޔޫތް ސެންޓަރެއް އެޅުމަށް. އަޅުގަނޑު ދެންނެވިން މަސައްކަތް ކޮށްދޭނަމޭ އެކަމަކު ތިއީ ވަގުތުން ވަގުތަށް ވާނެ ކަމެއް ނޫނޭ. އޮންނަ އުސޫލުގެ ތެރެއިން ނޫނީ ތިކަމެއް ނުވާނެއޭ.“ ކައުންސިލްގެ ނައިބްރައީސް މުހައްމަދު ޝަފީގް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ނަސީފް ވިދާޅުވީ އެބޭފުޅުންނަށް ޖަވާބުދާރީ ވެފައިވާ ކަމަށާއި ”ރަސްއޮންލައިން“ ގައި ޝާއިއު ކޮށްފައިވަނީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ.

”ހެނދުނު 11 ޖެހިއިރުއްސުރެ މެންދުރު 3 ޖަހަންދެން އެބޭފުޅުން ކައިރީގަ އަޅުގަނޑުމެން ތިބީ. ޖަވާބު ދިނިން. ވަގުތުން ވާ ކަންކަން ނޫންވީމަ މިއަދުން މިއަދަށް ޔޫތް ސެންޓަރެއް މިރަށުގައި އަޅުގަނޑުމެންނަކަށް ނޭޅޭނެ“ ނަސީފް ވިދާޅުވިއެވެ.

މިއީ ގާދިއްފުށީގެ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމަށް ލިބުނުފަހުން އެމްޑީޕީ އެކްޓިވިސްޓުންތަށް އެރަށު ކައުންސިލް އިދާރާއަށް ވަދެގަތް 2 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިއަދު އޮފީގައި ކުރިއަށް ގެންދިޔަ ހަރަކާތް ލީޑުކޮށްފައިވަނީ އެރަށު ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ނައިބް ރައީސް އެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button