ޔޯގާ އަކީ މުސްލިމުންނަށް ހުއްދަވާނެ ކަމެއް ނޫން ކަމަށް 104 އިލްމުވެރިން ބުނެފި
ޔޯގާ އަކީ މުސްލިމުންނަށް ހަރާން ކަމެއް ކަމަށް ބުނެ 100 އަށް ވުރެ ގިނަ އިލްމުވެރިންގެ ފަރާތުން ފަތުވާ ނެރެފިއެވެ.
އިއްޔެގެ ވަގުތެއްގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޔޯގާއަކީ ކުރެވޭނެ ކަމެއް ކަމަށާައި އެކަން ހަރާން ވާނެ އެއްވެސް ގޮތެއް ފެންނަން ނެތްކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ރައީސް ނަޝީދު އާއި ރައީސް މައުމޫނަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި ރާއްޖޭގެ ގިނައަދަދެއްގެ ދީނީ އިލްމުވެރިން ވަނީ އެ ދެބޭފުޅުންނަށް ރައްދު ދެއްވާފައެވެ. ރައީސް ނަޝީދު އަށް ދީނީ ފަތުވާދިނުމާ ދީނުގެ ހުކުން ތަކުގެ މައްޗަށް ބަސްބުނުމުގެ ހައްގު ނޯނާނެ ކަމަށް ބުނެ އެކަމަށް މާފައް އެދި ތައުބާ ވުމަށް އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ. އަދި ރައީސް މައުމޫން އަކީ އަބަދުވެސް ސިޔާސީ މަސްހުނި ގަނޑަކަށް ދީން ހައްދަވާ ބޭފުޅެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
104 އިލްމުވެރިން ސޮއިކުރައްވައި، ”އިލްމުވެރިންގެ ގުޅުން“ އިން ނެރުނު ފަތުވާގައި ބުނީ ކަސްރަތެއްގެ ގޮތުގައި އާއި އަދި އެ ނޫން ގޮތަކަށް ކަމަށް ވިޔަސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމުގައެވެ.
މިގޮތަށް ފަތުވާ ނެރެފައި ވަނީ އިލްމުވެރިންގެ މެދުގައި ދިރާސާއެއް ކުރުމަށް ފަހުގައެވެ. އޭގެ ހުލާސާ ރިޕޯޓްގައި ބުނެފައި ވަނީ ހިންދޫ ދީނުގެ މީހުންނަށް ޔޯގާ އަކީ ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތްތަކެއް ކަމަށާއި، ހިނދޫންނާއި ބުޑިސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާވަނީ ހަށިގަނޑުގެ ބާރާއި ނަފުސާނީ ބަރުގެ އިތުރުން ސިކުނޑީގެ ބާރުގެ މައްޗަށް ކަމަަށާއި، ޔޯގާގެ ފަސް ބައި ފުރިހަމަވުމުން އެ މީހާ ބަލި ވުމާއި މުސްކުޅި ވުމާއި މަރު ވުމުންވެސް ސަލާމަތްވެފައިވާ ކަމަށް އެ މީހުން ގަބޫލުކުރާ ކަމުގައެވެ.
104 ޢިލްމުވެރިންގެ ފަރާތުން ޔޯގާގެ ޝަރުޢީ ޙުކުމް ބަޔާންކުރުން pic.twitter.com/dxACqTKZoG
— 𝐈𝐥𝐦𝐮𝐯𝐞𝐫𝐢𝐧𝐠𝐞 𝐆𝐮𝐥𝐡𝐮𝐧 (@ilmugeGulhun) July 27, 2022
ކަސްރަތުގެ ނަމުގައި ބުދު ދީނުގެ އަހުލުވެރީންނާއި ހިންދޫން ޔޯގާ ފެތުރުމުގެ ބޭނުމަކީ އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖައްސައި، ދީނަށް ވެއްދުމަށްޓަކައި ރޭވުންތެރި ހަމަހިމޭން ދައުވަތެއް ދިނުން ކަމަށެވެ. ”އިލްމުވެރިންގެ ގުޅުމުން“ ގެ ރިޕޯޓްފައި ބުނީ ޔޯގާއާ ބެހޭ ގޮތުން އިސްލާމީ އުންމަތުގެ އިލްމުވެރިން ދިރާސާ ކުރުމަށް ފަހު ދެއްވާފައިވާ ފަތުވާތަކުގެ ހަގީގަތްތަކަށް ބަލާއިރު، ފިގުހ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ޔޯގާއަކީ ހަރާމް ކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ގުރުއާނާއި ސުންނަތުން ދަލީލުތައް ވެސް ރިޕޯޓްގައި ހިމަނާފައިވެ އެވެ.
”ޔޯގާ އަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެ ބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުން. އެ ދީންތަކުގެ ކަންކަމަށް ލޯބި ޖައްސައި އެ ދީންތަކަށް ތަބާވާ ބައެއް ކަމުގައި މީސްތަކުން ހެދުން.“ ރިޕޯޓްގައި ވެއެވެ.
ގިނަ އިލްމުވެރިން ތަކެއް އެކުލެވޭ އަދާލަތު ޕާޓީގެ އިތުރުން ދީނީ ގިނަ އިލްމުވެރިންތަކެއް ތިއްބަވާ ސަލަފް ޖަމިއްޔާ އިން ވެސް ތަކުރާރުކޮށް ބުނަމުން އަންނަނީ ޔޯގާ އަކީ މުސްލިމުންނަށް ހުއްދަވާނެ ކަމެއް ނޫން ކަމަށާއި އެކަމާ ދުރުވާން ޖެހޭ ކަމުގައެވެ.