ޚަބަރު

ފިނޭންސްގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން އެޕާޓުމެންޓަކަށް ފައިސާ ދެއްކި މައްސަލައެއް ފެންމަތިވެއްޖެ

މިނިސްޓްރީ އޮފް ފިނޭންސްގެ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އެޕާޓްމެންޓަކަށް ފައިސާ ދެއްކި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ފިނޭންސްގެ މުވައްޒަފަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ ހުޅުމާލޭގެ ފްލެޓެއްގެ ޑައުން ޕޭމެންޓެއް މިނިސްޓްރީގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދައްކާފައިވާކަމުގައެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަަން އޭނާ ހާމައެއް ނުކުރެއެވެ. އެނގިފައިވާގޮތުގައި އެ ޓްރާންސްކެޝަން ހިންގުމުގައި އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަބްދުﷲ އަލީގެ އިސް ދައުރެއް އޮތެވެ. މިކަމާ ގުޅިގެން އޭނާ އަށް ”ބޮންތި“ އިން ގުޅުމުން މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލީއެވެ. އަދި ފޮނުވި މެސެޖަށްވެސް ޖަވާބެއް ނުދެއެވެ.

މިކަން އިތުރަށް ސާފު ކުރުމުގެ ގޮތުން ފިނޭންސްގެ މީޑިއާ އޮފިޝަލް މުހައްމަދު ޝައްމޫނަށް ގުޅައި، މެސެޖު ކުރުމުންވެސް ޖަވާބެއް ނުދިނެވެ. އެނގިފައިވާގޮތުގައި ފިނޭންސްގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން އެޕާޓުމެންޓަށް ފައިސާ ދެއްކުމަށްފަހު އެކަން ފަޅާއެރުމުން އެ އަދަދަށް ވާވަރަށް ފައިސާ ވަނީ ސެޓުލް ކޮށްފައެވެ.

މިނިސްޓްރީއެއްގެ ކްރެޑިޓް ކާޑު އަމިއްލަ ބޭނުމެއްގައި ނުވަތަ މިފަދަ ކަމެއް ކުރަން ބޭނުން ކުރުމަކީ ގާނޫނާ ހިލާފް އަމަލެކެވެ.

4 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button