ރިޕޯޓް

ނާސިރު ހޯއްދަވައިދެއްވީ އަމިއްލައަށް ކަން ކަން ނިންމޭ މިނިވަންކަމެއް

މިއަދަކީ ދިވެހިރާއްޖެ މިނިވަންވިތާ 57 އަހަރު ފުރުނު ދިވެހިންގެ ފަހުރުވެރި މިނިވަން ދުވަހެވެ. މިދުވަސް އަހަރެމެންނާ ކޮންމެ އަރެއްގެ ޖުލައި 26 ވަނަ ދުވަހު ބައްދަލު ކުރާއިރު ދުވަހުގެ ހާއްސަކަމުގެ ވާހަކަތައް ނުހަނު ގިނައެވެ.

މިނިވަން ދުވަހުގެ އިހުސާސް އަހަރެމެން ކުރާއިރު މިނިވަންކަން ހޯދައި ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި މޭސްތިރިއަކީ އަލް އަމީރް އަލްމަރްހޫމް ރައީސް އިބްރާހިމް ނާސިރު ކަމީ ޝައްކެއްވެސް ނެތްކަމެކެވެ. ރައީސް ނާސިރުގެ ހިކުމަތްތެރިކަން އެއްވެސް ދިވެހި ރައްޔިތަކު ހަދާނުން ނުނެތޭނެއެވެ.

މިނިވަން ދުވަހަކީ ކޮބާ؟

މިނިވަން ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަމުންދަނީ، 1887 ވަނަ އަހަރު ޑިސެމްބަރު މަހުން ފެށިގެން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހެވެ.

ރާއްޖެ އިނގިރޭސީންގެ އުނގަށް ވެއްޓުނީ ދިވެހިންނާ އިންގިރޭސިންނާ ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުންނެވެ. އެމުޢާހަދާގައި ވާގޮތުން ރާއްޖެގެ ޚާރިޖީ ހުރިހާ ކަމަކާ އިނގިރޭސިންނަށް ބަސް ބުނެވޭނެއެވެ. ދައުލަތުގެ ހުރިހާ ހާރިޖީ ފަތްފުއްތައް ބެލުމުގެ ފުރިހަމަ ބާރު އިނގިރޭސިންނަށް އޭރު އޮވެއެވެ. މިކަމުގެ ބަދަލުގައި ދިވެހިންނަށް އިނގިރޭސިން ދޭންޖެހެނީ ހިމާޔަތާ ރައްކާތެރިކަމެވެ. އެއިރުގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށްވުމަކީވެސް އެ އެއްބަސްވުމުގައި އޮއްގޮތެވެ.

އިނގިރޭސިންގެ ވިސްނުމަކީ ކޮބާ؟

އިނގިރޭސިންގެ ވިއްސްނުން އޮތީ އައްޑޫގައި އެމީހުންގެ އަސްކަރީ މަރުކަޒެއް ބިނާކުރާށެވެ. އެމަސައްކަތް ލަސްތަކެއްނުވެ އިނގިރޭސިން ފެށިއެވެ. އެއީ 25 ޑިސެންބަރ 1955 ކެވެ. ޖެހިގެން އައި އަހަރު 1956 ވަނަ އަހަރުގެ ޑިސެންބަރ 15 ގައި ދިވެހި ސަރުކާރާ އިނގިރޭސި ސަރުކާރާ ދެމެދު އިތުރު އެއްބަސް ވުމެއްގައި ސޮއިކުރެވުނެވެ. އެ އެއްބަސްވުމުގައި ވާގޮތުން އައްޑޫ އިން 110 އޭކަރު ބިން، 100 އަހަރަށް ކުއްޔަށް އިނގިރޭސި ސަރުކާރަށް ދޭން ޖެހެއެވެ.

އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމްކުރާތީ އެކަމާ ދުނިޔޭގެ ގިނަ ގައުމު ތަކުގެ ލޯ މި ސަރަހައްދަށް އަމާޒުވިއެވެ. އެއިރު ދިވެހިންގެ ތެރޭން ބައެއް ރަށްތަކުގައި މިއަ ޑުއެކި ގޮތްގޮތަށް ފެތުރިއްޖެއެވެ. އެކަމުގެ ފައިދާ ވަރަށް ރަނގަޅަށް ޔުނައިޓެޑް ސުވަދިވް އައިލެންޑްސްގެ ގޮތުގައި ދެކުނުގެ ތިން އަތޮޅު ހެއްދެވި އަބްދު ﷲ އަފީފް ނެންގެވިއެވެ. އިނގިރޭސިންގެ ނުފޫޒާއި މަދަދުގައި ރާއްޖޭގެ ދެކުނުގައި ވަކި ސަރުކާރެއް އަފީފް އިއުލާންކުރެއްވިއެވެ. 01 ޖެނުއަރީ 1959 ވެގެން ދިޔައީ ދިވެހިން އުންމީދު ކުރި ދުވަހަކަށް ނޫނެވެ.

ރައީސް ނާސިރު ހެއްދެވީ ކިހިނެއް؟

އިނގިރޭސިންގެ މަދަދާއެކީ ރާއްޖޭގެ ދެކުނުގައި ވަކި ސަރުކާރެއް އުފެދުން ވެގެންދިޔައީ ދައުލަތުގެ ތެރޭގައި ފިސާރި ރަނގަޅަށް ހުޅު ރޯވި ދުވަހަކަށެވެ. ސަރުކާރުގެ ވެރިންގެ ކިބައިން ނާސިރު އެދިލެއްވީ މިނިވަންކަމުގެ ނައު މެކުހަށް ޖެހުމަށް ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ހުރިހާ ރައްޔިތުން އެއްބައިވުމަށެވެ. އެއީ މިނިވަންކަމުގެ ސީދާ ހަރަކާތް ރަސްމީގޮތުން ނާސިރް ފެއްޓެވި ދުވަހެވެ.

ހަމަ މިކަމާ ވިދިގެން ގިނަ ސައްލާތަކެއް ދިވެހި ސަރުކާރުން ނާސިރު އިސްވެ ހުންނަވައިގެން 09 ފެބްރުއަރީ 1959 ގައި ކުރެވުނެވެ. އެގޮތުން ރާއްޖެ އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރުމަށް ރަސްމީކޮށް ގަރާރެއް އިނގިރޭސި ސަރުކާރަށް ހުށައެޅިއެވެ. އަދި މިނިވަންކަން ހޯދުމުގެ ދަތުރު ފެށިކަން މުޅި ރާއްޖެއަށް އިއުލާން ކުރެވިގެން ދިޔައެވެ.

އަބްދުﷲ އަފީފް އާއި އިނގިރޭސިން ގުޅިގެން އުފެއްދި ދެކުނު ސަރުކާރު ނިމުމަކަށް ގެނެވުނެވެ. މިކަމުގެ ތެރޭގައި އިނގިރޭސިންގެ ބަޔަކު މަރުވެފައިވާތީ ރާއްޖެ އާއި އިނގިރޭސިންނާ އިތުރަށް ހުޅު ރޯވެ، އިނގިރޭސިން ރާއްޖޭގެ ސަރުކާރަށް އިންޒާރު ދިނެވެ. އައްޑޫއަށް އިތުރު އަސްކަރީ ހަތިޔާރާ މީހުން އިތުރުކުރަން އިނގިރޭސިން ފެށިއެވެ. ރާއްޖެއިން ވެސް ތައްޔާރީ ފިޔަވަޅުތައް އެޅުމުގެ ގޮތުން އަވަށްޓެރި އަދި އިސްލާމީ ގައުމުތަކުގެ މަދަދަށް އެދުމަށް ނިންމިއެވެ.

ދުވަހެއް ދުވަހަކަށް ދެބައިމީހުންގެ ކޯޅުން ބޮޑުވެމ ދިވެހިން އިނގިރޭސިންނަށް ނުކިޔަމަންތެރިވާން ފެށިއެވެ. އައްޑޫގައި އިނގިރޭސިން ހިންގަމުން އައި ކަންކަން ނިމުމަކަށް ގެނައުމުގެ ކޮޅުމަތި ފެނިގެން ދިޔައީ 29 ސެޕްޓެމްބަރ 1963 ވަނަ ދުވަހު ވެވުނު އެއްބަސް ވުމެއްގެ ދަށުން ބާގީ ސަރުކާރުގެ ވެރިޔާ އަބްދުﷲ އަފީފް ސީޝެލްސް އަށް އިނގިރޭސިން ގެންދިޔަ ހިސާބުންނެވެ.

އޯލްޕޯޓް އެއްބަސް ވުމުގައި ދެގައުމުން އެހިސާބުން ސޮއިކުރެވިގެން ދިޔައެވެ. އެ އެއްބަސްވުން ވެގެން ދިޔައީ ދިވެހިންނަށް ވަރަށް މުހިންމު އެއްބަސް ވުމަކަށެވެ. އެ އެއްބަސް ވުމުގައި 100 އަހަރަށް ރާއްޖެ އިނގިރޭސިންގެ އަތްދަށުގައި އޮތް އޮތުން 30 އަހަރަށް ކުޑަ ކުރިއެވެ. އިނގިރޭސިން ވެސް މަޑުމަޑުން ގޮތް ދޫކޮށް ސަރުކާރުން ކުރިން ހުށައެޅި އެއްބަސް ވުމުގައި ވާފަދައިން ރާއްޖެ އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރުމަށް އެއްބަސް ވާ ކަހަލަ ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.

މިނިވަން ކަމުގެ މަޝްވަރާގެ ފެށުން؟

23 ޖޫން 1964 ގައި ރާއްޖޭގެ އަސްކަނިން ބޭރަށް ދެގައުމުގެ ވެރިން ބައްދަލުވުމަކަށް ފުރިއެވެ. އެއީ ލަންޑަނަށެވެ. ސުލްހައިގެ މަޝްވަރާތަކުގައި ރާއްޖޭގެ އެންމެ ބޮޑު ހުށައެޅުމަކަށް ވެގެންދިޔައީ ރާއްޖެއަށް މިނިވަންކަން ދީ، ޝަރުތަކާއި ނުލައި، އިނގިރޭސިން ރާއްޖެން ފޭބުމަށެވެ.

ރާއްޖެއިން ހުށައެޅި ކަންކަން ގަބޫލްކޮށް ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އިނގިރޭސިން އެއްބަސްވިއެވެ. އެއީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމަށެވެ. ދެފަރާތުގެ ވެރިންގެ ލަފާގެ މަތިން އެގްރިމަންޓްގައި އެކަން ހިމެނީއެވެ.

26 ޖުލައި 1965 ގައި ދިވެހި ޖައްވަށް އަލިވިގެން އައީ މިނިވަން ދައުލަތެއްގެ ޝަރަފާއި، އާރާއި ބާރުގައެވެ. މިނިވަންކަމުގެ އެއްބަސް ވުމުގައި ސޮއިކުރެއްވުމަށް ރައީސް ނާސިރު ގަލަންކޮޅު ކަރުދާހުގައި ޖެއްސެވިކަމަށް އެނގެން އޮތީ ސިލޯނު ގަޑިން 10:00 ގައެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ފާހަގަކުރަނީ މިނިވަން ދުވަހުގެ ގޮތުގައެވެ. ރައީސް ނާސިރު ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވިތާ 57 އަހަރު ފުރި 58 ވަނަ އަހަރު ފެށުނީއެވެ. ނާސިރު ހޯއްދަވައިދެއްވި މިނިވަންކަމަކީ ދިވެހިންގެ ކަންކަން އަމިއްލައަށް ނިންމޭ މިނިވަން ކަމެކެވެ. އެކަމަކު ސުވާލަކީ އެ މިނިވަަންކަން މިއަދު އެބައޮތް ހެއްޔެވެ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button